ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހަދާ ކްރީގްލާއާ ހައި ކޯޓުގެ ފަނޑިޔާރުން ބައްދަލުކުރައްވައިފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ގެނެސްފައިވާ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާއާ، ހައި ކޯޓުގެ ފަނޑިޔާރުން މިރޭ ބައްދަލުކުރައްވައިފި އެވެ.


ހައި ކޯޓުގައި އޮތް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ. މި ބައްދަލުވުމަށް ފަހު، ކްރީގްލާއާ ވަނީ ހައި ކޯޓުގައި ޝަރީއަތް ކުރާ މާލަން ބައްލަވާފައި ކަމަށް އެ ކޯޓުން ބުނެ އެވެ.

ކްރީގްލާއާ ގެންދަވަނީ އޭނާގެ ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި ރާއްޖޭގެ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވަމުންނެވެ. މީގެ ކުރިން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވެސް ބައްދަލުކުރެއްވި އެވެ.

އެކަމަކު، އެ ބައްދަލުވުމުގެ ތެރޭގައި، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވެ، ކްރީގްލާ ބިރު ދެއްކި ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ އެ ވާހަކަތަކާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ހޫނު ރައްދެއް ވެސް ދިނެވެ.

ކްރީގްލާ ވަނީ ސައުތު އެފްރިކާގެ ޝަރުއީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.

ކްރީގްލާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ހައި ކޯޓުގެ ބައެއް ފަނޑިޔާރުން.---ފޮޓޯ: ހައި ކޯޓު

ޝަރުއީ ދާއިރާއާ ގުޅޭ އެކިއެކި ބައިނަލްއަގުވާމީ ޕްރޮގުރާމުތަކުގައި މަސައްކަތް ކުރައްވާ ކްރީގްލާގެ ރާއްޖޭގެ ދިރާސާ ރިޕޯޓް އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލު ކުރަން ވަނީ ނިންމައިފަ އެވެ.