މެލޭޝިއާ ޔުނިވާސިޓީއެއްގެ އައިޓީ ކޯހެއް އެވިޑް ކޮލެޖުން ފަށަނީ

މެލޭޝިޔާ ޔުނިވާސިޓީއެއްގެ އައިޓީ މާސްޓާސް ކޯހެއް އެވިޑް ކޮލެޖުން ފަށަން ނިންމައިފި އެވެ.


އެވިޑް ކޮލެޖުގައި ތައާރަފްކުރަން ނިންމާފައި ވަނީ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ މެލޭޝިޔާގެ "މާސްޓާ އޮފް ސައެންސް (އިންފޮމޭޝަން ޓެކްނޮލޮޖީ އެންޓަޕްރަނާޝިޕް)" ޕްރޮގްރާމެވެ. ސެޕްޓަމްބަރު މަހު ފަށާ މި ކޯހުގެ މުއްދަތަކީ ދޮޅު އަހަރު ދުވަހެވެ. ކޯހުގައި ބައިވެރިވާން، އަންނަ މަހުގެ 31 ގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ.

މި ކޯސް ފުރިހަމަ ކުރާ އިރު ދަރިވަރުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

މީގެ އިތުރުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތައްޔާރުކޮށްދޭ ތިން އަހަރުގެ ޕްރޮގްރާމެއް ވެސް އެވިޑް ކޮލެޖުން މި އަހަރު ތައާރަފްކުރެ އެވެ. "ބެޗަލާ އޮފް ޓީޗިން (ސްޕެޝަލް އެޑިއުކޭޝަން ނީޑްސް)" ކޯސް ވެސް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ.

އެވިޑް ކޮލެޖުން މިހާރު 45 ކޯހަށް ވުރެ ގިނަ ކޯސް ކިޔަވައިދެ އެވެ. އެ ކޮލެޖުން މަސައްކަތްކުރަނީ ރާއްޖޭގައި ހުރެގެން ރަނގަޅު ފެންވަރުގެ މަތީ ތައުލީމު ފުރިހަމަކުރުމުގެ ފުރުސަތު ދިވެހިންނަށް ދިނުމަށެވެ. އެގޮތުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް އެ ކޮލެޖުން ކުރިއަށް ގެންދެ އެވެ.

އެ ކޮލެޖުން ކުރިއަށް ގެންދާ ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު އެ ކޮލެޖުގެ ހޮޓްލައިނަށް ނުވަތަ ކޮލެޖް އޮޕަރޭޓަރަށް ގުޅާލުމުން ލިބޭނެ އެވެ.