ދަރިފުޅު "ވިއްކާލި" މީހާ އެހެން ދަރިއަކު ވެސް މީހަކަށް ދިން!

ރާއްޖޭގެ ދެކުނުގެ ރަށެއްގެ އަންހެނަކު އޭނާގެ އެއް އަހަރާއި ނުވަ މަހުގެ ދަރިފުޅު ދަރިން ނުލިބޭ ދެމަފިރިއަކަށް "ވިއްކާލި" ކަމަށް ބުނާ މައްސަލައެއް މި ހަފުތާގައި ފެންމަތިވެފައިވާއިރު މިއީ އޭނާ އެގޮތަށް މީހަކަށް ދިން، ނުވަތަ "ވިއްކާލި" ދެ ވަނަ ކުއްޖާކަން "މިހާރު" އަށް އެނގިއްޖެ އެވެ.


މިދިޔަ އާދިއްތަ ދުވަހު ދެކުނުގެ ރަށެއްގެ އަންހެނަކު އޭނާ ކައިވެނިން ބޭރުން ހޯދާފައިވާ ތުއްތު އަންހެން ދަރިފުޅު ވަނީ ދެކުނުގެ ރަށެއްގެ ދެމަފިރިންނާ ހަވާލުކޮށްފަ އެވެ. އެ ކުއްޖާ އެ ދެމަފިރިންނަށް ވިއްކާލީ 30،000ރ. އަށް ކަމަށް ބުނެ މައްސަލަ ފެންމަތިވުމުން ޖެންޑާއިން ވަނީ އެ ކުއްޖާ ދައުލަތަށް ނަގައިފަ އެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެކަން ހިނގި ގޮތް އެނގޭ މީހަކު "މިހާރު" އަށް ބުނި ގޮތުގައި މިއީ 29 އަހަރުގެ އެ އަންހެން މީހާ ކައިވެނިން ބޭރުން ވިހެއި ދެ ވަނަ ކުއްޖާ އެވެ. މީގެ އަހަރުތަކެއް ކުރިން އެ އަންހެން މީހާ އަށް ލިބުނު ކުއްޖާ ވެސް ވަނީ ކޯޓު މެދުވެރިކޮށް ބަޔަކާ ހަވާލުކޮށްފައި ކަމަށް އޭނާ ބުންޏެވެ.

"އެ އަންހެން މީހާއަށް ބެލެން ނެތީމަ އޭނާ މީހުންނާ ހަވާލުކުރަނީ. ކުރިން ދިން ކުއްޖާ ވެސް މިހާރު އުޅެނީ އެހެން އާއިލާއަކާ އެކު ރާއްޖެއިން ބޭރުގައި،" އެ އަންހެން މީހާގެ ކަންކަން އެނގޭ މީހާ ބުންޏެވެ.

އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި މިއީ، ދަރިން ވިހައިފައި އޭނާ ކުރާ ވިޔަފާރިއެއް ނޫނެވެ. އޭނާ ބުނަނީ ކައިވެނިން ބޭރުގައި ވިހައި، އޭނާ އަށް އެ ކުދިން ބެލެން ނެތުމުން ކޯޓު މެދުވެރިކޮށް އޭނާ އެކި މީހުންނާ ދަރިން ހަވާލުކުރަނީ ކަމަށެވެ. އަދި އޭގެ ބަދަލުގައި އޭނާ އަށް "ހަދިޔާ"އެއް ދޭ ކަމަށް އޭނާ ބުނެ އެވެ. މި ފަހަރު ވެސް ކުއްޖާ ދޭން އުޅުނީ ކޯޓު މެދުވެރިކޮށް ކަމަށާއި އެ ކަންކަން ކޯޓުގައި މިހާރު ވެސް ހިނގަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ދެމަފިރިން ކުއްޖާ ގެންދިޔައީ ކޯޓުން މައްސަލަ ނިމުން ލަސްވާތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިފަހަރު ކުއްޖާއާ ހަވާލުވި ދެމަފިރިންގެ ފަރާތުން އަންހެން މީހާއަށް ހަދިޔާގެ ގޮތުގައި 30،000ރ. ދިން ކަމަށް އޭނާ ބުންޏެވެ.

"އެ އަންހެން މީހާއަކީ މިރަށުގައި ވަރަށް ހާލުގައި އުޅޭ މީހެއް. ޖިފުޓިގަނޑެއް ކަހަލަ ގެއެއް ހުންނާނީ ވެސް. އެހެންވެ އުޅޭނެ ތަނެއް ހަދާލަން ދިން ފައިސާއެއް އެއީ. އެ މީހާ ބުނި ކަމަށްވޭ އިތުރަށް ވެސް އެހީވާނަމޭ،" އޭނާ ބުންޏެވެ.

ކުއްޖާއާ ހަވާލުވި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއަކީ ތަނަވަސް މީހެކެވެ. މަސް ކައްކައިގެން ވިއްކުމުގެ ވިޔަފާރިތައް ކުރާ އެ ފިރިހެން މީހާގެ އަމިއްލަ ލޯންޗްފަހަރު ވެސް ހުރެ އެވެ.

ކައިވެނިން ބޭރުން ވިހައި ދަރިފުޅު އެހެން މީހުންނާ ހަވާލުކުރާ އަންހެން މީހާގެ އާއިލާގެ އެހެން މީހަކު ވެސް ކައިވެނިން ބޭރުން މީގެ ކުރިން ވިހެއި ކުއްޖަކު އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ޔަތީމު ވަރަށް ހާލުގައި އުޅޭ އާއިލާއެއް އެއީ. އެކަހަލަ ދެތިން އަންހެން ކުދިން އެ އާއިލާގައި ތިބޭ،" އޭނާ ބުންޏެވެ.

ތުއްތު ކުއްޖާ ވިއްކާލި މައްސަލައެއް ފެންމަތިވެފައިވާއިރު އެކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން އިދާރާއަކުން މިހާތަނަށް ވާހަކަ ދައްކައިފައެއްނުވެ އެވެ. ތަހުގީގު ކުރަމުން އަންނަ ކަމުގެ އިތުރުން އެއްވެސް މައުލޫމާތެއް ނުދެ އެވެ.