ބާ ކައުންސިލް އިންތިޚާބަށް ވަނީ ތައްޔާރުވެފައި: އިލެކްޝަންސް

މާދަމާ އޮންނަ ބާ ކައުންސިލް އިންތިޚާބުގެ ވޯޓުލުމަށް ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ހެނދުނު 9:00 އިން ފެށިގެން 5:00 އާ ހަމައަށް މާލެ އަދި އައްޑޫގައި ވޯޓުލުން އޮންނާނެ ކަމަށެވެ. އައްޑު އަށް ބޭނުންވާ ވޯޓު ކަރުދާސްތައް މިއަދު ވަނީ ފޮނުވައިފަ އެވެ.

އިންތިޚާބުގައި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 1،600 ވަކީލުންނަށް ވޯޓުލެވެ އެވެ. އެ އިންތިޚާބަށް 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް އިން ވަނީ ހަމަޖައްސައިފަ އެވެ.

އައްޑޫގައި ބަހައްޓަނީ އެންމެ ވޯޓު ފޮއްޓެކެވެ. އެ ފޮށި ހުންނާނީ ޝަރަފުއްދީން ސްކޫލުގަ އެވެ. މާލޭގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާ އިރު، ވޯޓުލުން އޮންނާނީ އިންތިޚާބާ ބެހޭ މަރުކަޒު ހުންނަ ބާ ޖަމާލުއްދީންގަ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ބާ ކައުންސިލް އިންތިޚާބުގައި 13 އޮފިޝަލުން ހަރަކާތްތެރިވާއިރު އެ މީހުންނަށް ދޭންޖެހޭ ތަމްރީނުތައް ދީފައިވާ ކަމަށެވެ.

އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސް ހޮވުމަށް ވަކި ވޯޓު ކަރުދާހެއް ބޭނުން ކުރާ އިރު، ކައުންސިލަށް މެމްބަރުން ހޮވުމަށް ވެސް ބޭނުން ކުރާނީ ވަކި ވޯޓު ކަރުދާހެކެވެ. ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ފަހު، ރަސްމީ ނަތީޖާ ޖެހިގެން އަންނަ ދުވަހު އިއުލާން ކުރާނެ އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިބޭނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.