ސީ ލައިފުން ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކުރި މައްސަލަ ބަލަނީ

ހުޅުމާލޭގައި ފްލެޓް އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި ސީ ލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު (231،300ރ.) ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


މި މައްސަލައާ ގުޅޭ ގޮތުން "މިހާރު" އަށް ލިބުނު ލިއުންތަކަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ސީ ލައިފްއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ނުނިމޭތީ ތަފްސީލެއް ނުދެއްވި އެވެ.

ތިން މަޝްރޫއަކުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް އޭސީސީން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ. މާލިއްޔަތު ކޮމިޓީގެ މެމްބަރުން އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ މެމްބަރުން ވިދާޅުވި ގޮތުގައި އެކަން ހާމަވީ، ތަހުގީގަށް އެ ކޮމިޝަނުން ހޯދި ބޭންކް ސްޓޭޓްމެންޓްތަކުންނެވެ.

"މިހާރު" އަށް ލިބުނު މައުލޫމާތުތަކުގައިވާ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތަކާއި ޑިވިޑެންޑުގެ ގޮތުގައި ލިބިވަޑައިގެންފައިވާ އާމްދަނީގެ އިތުރުން އަމިއްލަ ފަރުދުންނާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް އެމަނިކުފާނުގެ އެކައުންޓް މެދުވެރިކޮށް ބައެއް މުއާމަލާތްތައް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ސީ ލައިފް ހިމެނޭ އިރު އެ ކުންފުނިން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ، ލިއުންތަކުގައިވާ ގޮތުން، މާޗް، 18، 2014 ގަ އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް އާއި އެޗުޑީސީން ސޮއިކުރީ މާޗް 14، 2014 ގަ އެވެ. އެއީ ބީލަމަށް ނުލައި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫއުއެކެވެ. އެ މަޝްރޫއުގައި ބިންގާ އަޅުއްވައި ދެއްވީ ވެސް ޔާމީނެވެ.

ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ އިތުރުން އޭސީސީން ތަހުގީގު ކުރަމުން އަންނަ އެއް މައްސަލަ އަކީ 3،000 ފްލެޓް އަޅަން ހުޅުމާލެ އިން ބިމެއް ދީ އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރި ގޮތެވެ.

އަނެއް މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ލަގްޒަރީ ވިލާ އަޅަން ވ. ތިނަދޫން ބޮޑު ބިމެއް ސީ ލައިފްއަށް ދިން މައްސަލަ އެވެ.

ގާނޫނުއަސާސީގެ 119 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް، ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރާ މުއާމަލާތެއްގައި މާލީ އެއްވެސް މަސްލަހަތެއް ބާއްވަވައިގެން ނުވާނެ އެވެ. ވިޔަފާރިއެއް ހިންގުމުގައި އަދި އާމްދަނީއެއް ހޯދުމުގެ އެއްވެސް މަސައްކަތެއްގައި ވެސް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އެ މާއްދާގައިވެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ބޮޑެތި ޚިޔާނާތްތަކާ ޔަމީނާ ގުޅުން އޮތް ކަމަށް ތުހުމަތުކުރި ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އެކި ޖަލްސާތަކުގައި އެމަނިކުފާނު ވަނީ ދޮގުކުރައްވައިފަ އެވެ.

ޔާމީން ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި އެއްވެސް މައްސަލައެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ އެވެ. އޭގެ ތެރޭގައި، އެންމެ ބޮޑަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ ވެސް ހިމެނެ އެވެ.

އެކަމަކު އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ އެ މައްސަލައިގަ އެވެ.

އެ ދައުވާ އުފުލީ، އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާ ކުރި އެ ފައިސާ ފަހުން، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

މީގެ އިތުރުން އޭސީސީއާ އެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން މުއާމަލާތަކުން ފައިސާ ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހައި ކޯޓުން ފަހުން ވަނީ އެ އަމުރު ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.