އައިލެންޑާސްގެ ސްކޫލުތަކުން ގްރޭޑް 1 ގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލަނީ

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލްތަކުގައި އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔެވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.


އެ ތަނުގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު "މިހާރު" އަށް ވިދާޅުވީ އެތަނުން ހިންގާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި އަންނަ އަހަރު ކިޔެވުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި 72 ދަރިވަރަކަށް ޖާގަ އޮތްއިރު، ފިންލަންޑް ސްކޫލުން ޖާގަ ލިބޭނީ އެންމެ 50 ދަރިވަރުންނަށެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ ވެބްސައިޓު މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުން ފެށިގެން އެތަނުގެ ދެ ސްކޫލަށް ދަރިވަރުން ވައްދަން ހުށަހެޅޭނެ އެވެ.

ފިންލެންޑު އިންޓަނޭޝަލް ސްކޫލުގެ ބައެއް ދަރިވަރުންތަކެއް: އަންނަ އަހަރު 50 ދަރިވަރަކަށް އެ ސްކޫލުގެ ގްރޭޑް އެކަކުން ކިޔެވުމުގެ ޖާގަ ލިބޭނެ - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު އެ ދެ ސްކޫލާ ގުޅެން މި ވަގުތު ހުޅުވާލަން ނިންމާފައި ވަނީ ހަމައެކަނި ކެންގަރޫ ކިޑްސް އާއި އަމީރް އަހްމަދު ޕްރީ ސްކޫލުން މި އަހަރު ޔޫކޭޖީ ނިންމާ ދަރިވަރުންނަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. އަދި އާންމުންނަށް ހުޅުވާލާނީ އެއަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ މި ފުރުސަތު ދެނީ އަޅުގަނޑުމެން ހިންގާ ދެ ޕްރީ ސްކޫލުގެ ދަރިވަރުންނަށް. މި މަސް ނިމެންދެން ބަލާފައި، ދެން އޮތް ހުސް ޖާގަތަކަށް ހުށަހަޅަން އާންމުންނަށް އަޅުގަނޑުމެން ހުޅުވާލާނީ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަނުން ހިންގާ ދެ ޕްރީ ސްކޫލުން ޔޫކޭޖީ ނިންމާ 20 ކްލާސް މި އަހަރު އެބައޮތް ކަމަށެވެ. ނަމަވެސް ގްރޭޑް އެކަކަށް ބަދަލުވާ އަހަރު ދަރިވަރުން ނެގޭނީ އެންމެ ފަސް ކްލާހަށް ކަމަށާއި، އެހެންކަމުން އެތަނުގެ ޕްރީ ސްކޫލު ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ސްކޫލުގައި ކިޔެވޭނެ ކެޕޭސިޓި އިތުރުކުރަން. އަޅުގަނޑުމެންނާ އެކު ގިނަ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް،" އަދްލީ ވިދާޅުވި އެވެ.

ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އައިޔާ ވެލަންނޭ ވިދާޅުވީ އެ ސްކޫލުގެ ފުރަތަމަ އަހަރުގެ ކިޔެވުން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ވަރަށް އުފާވާ ކަމަށާއި، އަންނަ އަހަރު އާ ދަރިވަރުން ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.