ލޭނު ބޯޓުތައް ހުއްޓުވީ ގަވައިދާ ހިލާފުވާތީ އީޔޫން އިންޒާރު ދިނުމުން: ޒަހާ

ލޭނު މަސްވެރިކަން ކުރަން ލައިސަންސް ދޫކޮށްފައިވާ ބޯޓްތަކުގެ ލައިސަންސް އާކޮށްދިނުން ހުއްޓާލާފައިވާ ކަމަށާއި އެކަން ކުރަން ޖެހުނީ އެ މަސްވެރިކަމުގައި ގަވައިދާ ހިލާފު އަމަލުތައް ގިނަވެ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިންޒާރު ދިނުމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުންނާ މުހާތަބުކުރައްވައި މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ލޭނު މަސްވެރިކަމުގެ ތެރޭގައި ހިނގާ ގަވައިދާ ހިލާފު ކަންތައްތައް ޔޫރަޕިއަން އީޔޫގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ރާއްޖޭގެ މަހަށް ޔޫރަޕް މާކެޓް ބަންދުކޮށްފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވި ގޮތުގައި ލޭނު މަސްވެރިކަމުގައި ހިނގާ ގަވައިދާ ހިލާފު ކަންތައްތައް ނުހުއްޓުވާ ނަމަ ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ވެސް ޔޫރަޕަށް އެެތެރެކުރުން މަނާކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

.

ރާއްްޖެއަަށް ކުރިން އައި އީޔޫގެ ވަފުދަކާ އެކު މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގައި ޒަހާ ބައިވެރިވަޑައިގަންނަވަނީ

"ލޭނު މަސްވެރިކަމުގައި ހިންގާ ގަވައިދާއި ގާނޫނާ ހިލާފު ހަރަކާތްތަކުގެ ސަބަބުން އެއްވެސް މަސްވެރިކަމެއް އިސްތިސްނާ ކުރުމެއް ނެތި ދިވެހިރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތަށް ޔޫރަޕަށް އެތެރެކުރުން ހުއްޓާލަން ޖެހޭ މިންވަރަށް ލޭނު މަސްވެރިކަމުގެ މައްސަލަަތައް ހުރިކަމަށް އެ ފަރާތްތަކުން ފާހަގަކުރައްވާ،" އޭނާ ވިދާޅުވި އެވެ. މިއަދުގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ވަޑައިގަންނަވަން ނަޝީދު ދައުވަތު ދެއްވީ ލޭނު އަޅައިގެން ކުރާ ލޯބޮޑު ކަންނެލީގެ މަސްވެރިކަން ބޭރުގެ ބޯޓްތަކުން ކުރާ ކަމަށް ބުނެ، އެކަން ހުއްޓުވަން މަޖިލީހަށް ފަސް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެެ. އެ ގަރާރުތަކަށް މެމްބަރުން މިއަދު ގެންދަވަނީ ބަހުސް ކުރައްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގެ ދަށުން ލޭނު މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސަންސް އާ ނުކޮށްދޭން ނިންމީ ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރާތީ ކަމަށެވެ. ލޭނު މަސްވެރިކަމުގެ ނަފާ ދިވެހިންނަށް ލިބޭ ގޮތަށް އެ މަސައްކަތަށް އާ ގަވައިދެއް ހަދައި އެ މަސައްކަތް ކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އެކުލަވާލާފައިވާ މަސްވެެރިކަމާ ބެހޭ ގާނޫނުގެ ބިލަކީ ރާއްޖޭގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ފަރުމާކޮށްފައިވާ ބިލެކެވެ.

ލޭނު މަސްވެރިކަމުގެ ހަގީގީ ފައިދާ ދިވެހިންނަށް ނުކުރާ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެބާވަތުގެ މަސްވެރިކަމުގައި މިހާރު ހަރަކާތްތެރިވާ އުޅަނދުތަކުގައި ތިބި މީހުންގެ 90 ޕަސެންޓަކީ ބިދޭސީން ކަމަށެވެ.

ލޭނު މަސްވެރިކަމުގައި މިހާރު ހިނގާ ކަމަށް ތުހުމަތު ކުރެވޭ ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އެއްބޯޓުން އަނެއް ބޯޓަށް މީހުންނާއި މަސް ބަދަލުކުރުން ފަދަ ކަންތައް އެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ ކަމަށް ވިދާޅުވި އެވެ. އެ އުޅަނދުތަކަށް ހުއްދަ ދީފައި ވަނީ ލޯބޮޑު ކަންނެލި ބާނަން ކަމަށް ވިޔަސް ދިވެހި މަސްވެރިން ވަދުނަނުގައި އާއްމުކޮށް ބާނާ އުޅޭ ރީނދޫ އުރަހަ ކަންނެލި ވެސް ލޭނު ބޯޓުތަކުން ގިނަ އަދަދަކަށް ބާނާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭނު އަޅާ ބޯޓްތަކަށް މިހާރު ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު ހަމަވުމުން ލައިސަންސް އާ ނުކޮށްދޭނެ ކަން ފިޝަރިޒް މިނިސްޓްރީން އެންގުމުން އެ މަސްވެރިކަމުގައި ހަރަކާތްތެރިވި ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުންގެ ޝަކުވާ އަކީ ހުއްދަ އާ ނުކޮށްދިނުމުން އެމީހުންގެ ވަޒީފާ ގެއްލުނު ކަމުގެ ޝަކުވާ އެވެ.