ލުތުފަރުގެ މަރާ ގުޅިގެން ތިން މީހަކަށް ދައުވާކޮށްފި

ށ. ޅައިމަގުގައި، ބަންގްލަދޭޝް މީހެއް ކަމަށްވާ ލުތުފަރު މަރާލުމާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.


ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ގެއްލުނު މީހާގެ މަރާ ގުޅިގެން، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ. އެ މައްސަަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.

އެ މަރާ ގުޅިގެން މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ އޭނައާ އެކު އެ ބޯޓުގައި މަސައްކަތްކުރި މީހުންނެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތުހުމަތުކުރެވޭ ތިން މީހުންނެވެ. ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމީހުންނަކީ، އަލަމިން، ނޫރުލް އިސްލާމް ސަރުކާރާއި އެމް.ޑީ އަހުތަރު ހުސެއިންނެވެ.

ބަންދާ މެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން އެ ތިން މީހުން ވަނީ ލުތުފަރު މަރާލިކަމަށް އެއްބަސްވެފަ އެވެ. އަދި އެކަން ކުރިގޮތް ވެސް ކިޔައިދީފައި ވެ އެވެ.

ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. އެއަށްފަހު ހަށިގަނޑުގައި ބަރު ޖަހައި ކަނޑުފައްތާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލުތުފަރުގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ވެސް ފުލުހުން ވަނީ މޫދުއަޑިން ހޯދައިފަ އެވެ. އެ ކަށަވަރުކުރުމަށްޓަކައި ޓެސްޓު ހަދާފައިވިއަސް ކޯޓުގައި މައްސަލަ އޮތުމުން އެކަމާ ގުޅިގެން ފުލުހުން ވާހަކައެއް ނުދެއްކި އެވެ.