ފުވައްމުލަކުގައި ބިދޭސީއަކު މަރާލި ތިން މީހުންނަށް ބޮޑު ޖަލު ހުކުމެއް އިއްވައިފި

ފުވައްމުލަކުގައި ބިދޭސީއަކަށް އަނިޔާކޮށް މަރާލި މައްސަލާގައި ތިން ބިދޭސީއަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.


މީގެ އަށް އަހަރު ކުރިން ޖޫން، 2011 ގައި ފުވައްމުލަކު ފަޅު ގޯއްޗެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް އެވެ. ފައިސާ ހޯދުމަށްޓަކައި ރާވައިގެން އޭނާ މަރާލީ އަތުންނާއި ފައިން ތަޅައި، އަނިޔާ ކުރުމަށް ފަހު އަދި ބޯ އަނބުރާލައި، ކަރު ބިންދާލައިގެންނާއި ކަރުގައި ކޭބަލް ވާގަނޑެއް ވެސް އައްސައިގެންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގަލްދޭޝްގެ ތިން މީހުން ކަމަށްވާ އެމްޑީ ސަލާމް އާއި ޝަރީފުގެ އިތުރުން އަލާލް ކިޔާ މީހަކަށެވެ.

އެ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާތީ އެމްޑީ ސަލާމް އާއި ޝަރީފް 20 އަހަރަށް ޖަލަށް ލުމަށާއި އަލާލް 17 އަހަރާއި ހަ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މީހަކު މެރުމުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ސާބިތުވި ނަމަވެސް، މަރުވި ޝަރީފުލްގެ ވާރިސުންގެ ބަހެއް ލިބޭ ގޮތް ނުވުމުން ކޯޓުން ނިންމީ އެ މައްސަލާގައި އެ މީހުންގެ މައްޗަށް މަރަށް މަރު ހިފެން ނެތް ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން މަރުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، އެ މައްސަލާގައި އެ މީހުންގެ މައްޗަށް ކޯޓުން ކަނޑައެޅީ އެ މައްސަލާގައި ކަން ހިނގި ގޮތަށް ބަލައި، އަދަބުގެ ދަރަޖަ މަތިކޮށްގެންނެވެ.

އެގޮތުން ގިނަ ދައުވާތަކެއް ކުރުމުގެ ފުރުސަތު އޮވެފައި އެ ދައުވާތައް ނުކޮށް އޮތުމުން އަދަބުގެ މިންގަނޑު ވަނީ ތިން ދަރަޖަ މަތިކޮށް، 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކަށް ބޮޑުކޮށްފަ އެވެ. އަދި އެ އަމަލު ހިންގުމުގައި އަނިޔާވެރިކަން ދައްކާފައިވާތީ އިތުރު އެއް ދަރަޖަ މަތިކޮށް، ސަލާމް އާއި ޝަރީފްގެ އަދަބު 20 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރި އެވެ. އެކަމަކު އަލާލް ކުރި އަމަލަކީ މީހަކު މެރުމުގައި ބައިވެރިވުން ކަމަށް ވާތީ އޭނާއަށް އައީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.

ކޯޓުގެ ހުކުމުގައި ވަނީ އެ ތިން މީހުން ދައުވާއަށް އިންކާރު ކުރިޔަސް، ތަހުގީގު މަރުހަލާގައި ތިން މީހުން ވެސް ކުށަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަހުގީގަށް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ. އަދި ތަހުގީގުގައި އެ މަންޒަރު އަމަލީ ގޮތުން ކުޅެދީފައިވާ ކަމަށާއި އެވަގުތު ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކަށް ބެލުމުން އެ މީހުންގެ ވާހަކަތަކަކީ އެކަމުގައި ބައިވެރިވި މީހަކަށް ނޫނީ ކިޔައި ނުދެވޭނެހާ ތަފްސީލު ވާހަކަތަކެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ މީހުން ތަހުގީގަށް ކިޔައިދިން ވާހަކަތަކާއި ހެކިބަސް ދިން މީހުންގެ ވާހަކަތައް ވެސް ދިމާވާ ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން ޝަރީފުލް މަރާލުމަށް ފަހު އޭނާގެ ކޮޓަރިން އެ މީހުން ވައްކަން ކުރުމަށް ފަހު އެ ކޮޓަރީގެ ތަޅުދަނޑި އެއްލާލި ކަމަށް ތަހުގީގުގައި އެ މީހުން ބުނި ސަރަހައްދުން އެ ތަޅުދަނޑި ފެނިފައި ވުމާއި މަރުވި މީހާގެ ކޮޓަރިން ގެއްލުނު ފައިސާ ދައުވާ ލިބުނު އެކަކު އުޅުނު ތަނުން ފެނުނު ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ އަމަލު ހިންގުމަށް ފަހު އެ މީހުން ފޮރުވި އެހެން ބައެއް ތަކެތި ފުލުހުންނަށް ދެއްކީ ވެސް ދައުވާ ލިބުނު ބައެއް މީހުން އަމިއްލައަށް ކަމަށް ވެސް ހުކުމުގައި ބުނެ އެވެ.

ގާޒީ އަލީ ރަޝީދު ހުސައިން އިއްވެވި ހުކުމުގައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާ އިއުތިރާފްތައް ފިޔަވައި އެހެން އިއުތިރާފްތައް ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވިޔަސް، ތަހުގީގުގައިވާ އިއުތިރާފަށް ބާރުދޭ ހެކިތަކެއް ހުރެއްޖެ ނަމަ، ހަރުދަނާ ގަރީނާއެއްގެ ގޮތުގައި ތަހުގީގު ބަޔާން ބޭނުން ކުރެވޭނެ އެވެ. މަރުގެ ބައެއް މައްސަލަތަކުގައި އެގޮތަށް ކުރިން ވެސް ކަނޑައަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގެ އިސްތިއުނާފް ހުރިހާ މަރުހަލާއެއް މިހާރު އެގޮތަށް ނިމިފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.