އަލިފާން ނިއްވާނެ ނިޒާމެއް މާލޭގެ މަގުތަކުގައި ގާއިމުކުރަނީ

އަލިފާނުގެ ހާދިސާތަކުން ސަލާމަތް ކުރުމަށް މަގުތަކުގައި ހައިޑްރަންޓްތަކެއް އަޅަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ހައިޑްރަންޓް ސިސްޓަމެއް ގާއިމުކުރަން ނިންމީ ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުންނާއި އެ ހާދިސާއަކުން ވީހާ ވެސް އަވަހަކަށް މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށެވެ.

ހައިޑްރޭންޓަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މަގުތަކުގައި އަލިފާން ނިއްވަން ބޭނުންކުރާ ޒަމާނީ ވަސީލަތެކެވެ.

އަލިފާން ނިއްވާ މި ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ ހުރިހާ ސަރަހައްދެއްގަ އެވެ. އަދި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ޑިފެންސް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.

އަލިފާނުގެ ހާދިސާތައް ހިނގައިފިނަމަ، އެކަމަށް ސިފައިން ކުރަންޖެހޭ މަސައްކަތްތައް މި ނިޒާމުގެ ސަބަބުން އަވަސްކަމާ އެކު ކުރިއަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ދާދިފަހުން ވަނީ ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފަ އެވެ. މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ކޯސްޓްލައިން ފިހާރައިގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހާރަ އާއި ޖެހިގެން ހުރި ނުވަ ގެއެއްގައި ރޯވެ، ތިން ގެއެއް އަލުން ހަދަން ޖެހޭ ވަރަށް ވަނީ އަނދައިފަ އެވެ.

މިދިޔަ ބުދަ ދުވަހު ގަލޮޅު އެސްބަރީގައި އަލިފާން ރޯވެ، ޖެހިގެން ހުރި ބައެއް ގެތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. ނަމަވެސް މިއިން އެއްވެސް ހާދިސާއެއްގައި މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވެ އެވެ.