ރައީސް، މޮރިޝަސްގެ ވަގުތީ ރައީސާ ބައްދަލު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ރައީސާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މިހާރު މޮރިޝަސްގައި ކުރިއަށް ގެންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާ ފާޅުކުރައްވައި، މޮރިޝަސް އިން ވިދާޅުވި ހޫނު މަރުހަބާ އަށް ވެސް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކުރިން މޮރިޝަސްގެ ނައިބު ރައީސަކަށް ހުންނެވި ޕެރަމަސިވަން ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެ ވަޑައިގަތީ އެންމެ ފަހުން ރައީސް ކަމުގައި ހުންނެވި އަމީނާ ގުރިބް ފާކިމް މިދިޔަ އަހަރު ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ގައުމުގެ ފުރަތަމަ އަންހެން ރައީސް މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވުމުންނެވެ.