ޔާމީންގެ ޝަރީއަތް ޓީވީން ލައިވް ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ޓީވީން ލައިވްކޮށް ދެއްކުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ބުނެފި އެވެ.


މާދަމާ ހެނދުނު 11:30 އަށް ޝަރީއަތް ޝެޑިއުލް ކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ވެސް ބުނީ ޓީވީއެމުން އެ ޝަރީއަތް ލައިވް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޓީވީއަކުން ލައިވްކޮށްގެން ބާއްވާ ކޯޓުގެ ފުރަތަމަ ޝަރީއަތެވެ. ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ޓެރަރިސްޓް ހަމަލާ ދިން މީހުންގެ ޝަރީއަތް ވަނީ ރޭޑިއޯ އިން ލައިވްކޮށްފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.