އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރީ ގާނޫނާ ޚިލާފް ނުވުމަށްޓަކައި: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު އެކު ހެދި އެސްކްރޯ އެއްބަސްވުމުގެ ދަށުން ހުޅުވި އެކައުންޓަށް، ތުހުމަތުކުރެވޭ ފައިސާ ނޫން އެހެން ފައިސާތަކެއް ޖަމާކުރީ ތަހުގީގު ހިނގާ މައްސަލައަކަށް ވާތީ ގާނޫނާ ޚިލާފްވެ ވަޑައިނުގަތުމަށް ކަމަށް ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލާގައި އެވެ. އެ ފައިސާ، އޭސީސީއާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފުން ފައިސާއެއް ޖަމާކުރިކަން އެނގިވަޑައިގަތީ އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ ފޯނުކުރައްވައި އެކަން އެންގެވުމުން ކަމަށާއި އެކަން އެނގިވަޑައިގަތުމުން އެ ފައިސާގެ ހަގީގަތް ބެއްލެވުމަށް އެދިވަޑައިގަތީ ވެސް އަމިއްލަފުޅަށް ކަމަށެވެ. އޭގެ ބޭނުމަކަށްވީ ދައުލަތުގެ އެއްވެސް ފައިސާއެއް އެމަނިކުފާނުގެ އެކައުންޓެއްގައި ހުންނަން ބޭނުންފުޅު ނުވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ފައިސާގެ މައްސަލަ އޭސީސީން ނުނިމި ދިގުލައިގެން ދާތީ، އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވަން ވެސް އެދިވަޑައިގަތީ އަމިއްލަފުޅަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ފައިސާތަކުގެ އެ މައްސަލަ އޭސީސީން ބަލަމުންދާތީ ގާނޫނާ ޚިލާފް އެއްވެސް ކަމެއް ނުކުރެއްވުމަށްޓަކައި އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރައްވައި، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިސްލާމިކް ބޭންކްގެ އެކައުންޓުން އެ ފައިސާ ދޭން އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރަނީ އެއީ ތަހުގީގު ކުރެވެމުންދާ ފައިސާ އެކުލެވޭ އެކައުންޓަކަށްވާތީ އެ އެކައުންޓުން ފައިސާ ވިތުޑްރޯ ކޮށްފިި ކަމަށް ވަންޏާ އަނެއްކާވެސް އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތެއް ކުރީ ކަމަށް ބެލެވިދާނެ. އެހެންވެ އެ އެކައުންޓުން އަޅުގަނޑު ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ލައިފި ކަމަށް ވަންޏާ އެއީ އެތަނަށް ވަދެފައި ހުރި ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރީ ކަމަށް ބެލެވިދާނެ،" އާންމުކޮށް ހުޅުވާލައިގެން އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވް ބްރޯޑްކާސްޓްކުރި ޝަރީއަތުގައި ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ އެސްއޯއެފުން ޖަމާކުރި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި އެބައޮތް ނޫންތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ޔާމީން ވިދާޅުވީ ބޭންކިން އުސޫލުތައް އޮންނަ ގޮތުން އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި ދެ ޗެކް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެސްކްރޯ އެއްބަސްވުމުގައި ވެސް، ގާނޫނާ ޚިލާފް އެއްވެސް ކަމެއް ނުކުރަން ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެސްއޯއެފްގެ ޗެކް ވަނުމަށް ފަހު އެއްވެސް ގޮތެއް ނޯންނާނެ ކަސްޓަމަރަކަށް އެ ޗެކް ހޯދައިގެން ޖަމާކުރެވޭނެ ގޮތެއް. އަޅުގަނޑުގެ އެކައުންޓުން ޗެކެއް ދެވިދާނެ. އެކަމަކު އެ ޗެކް ހޯދޭނެ ގޮތެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިއަދުގެ ޝަރީއަތަށް ވަޑައިގަތުމަށް ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ. -- މިހާރު ފޮޓޯ/ހުސެން ވަހީދު

ޔާމީން ވިދާޅުވީ އެސްކްރޯ އެއްބަސްވުން އޮތްގޮތުން އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ދައުލަތުގެ ފައިސާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ތަހުގީގަށް ފަހު ކަމަށާއި އަދި އެއްބަސްވުން އޮތްގޮތުން ތަހުގީގު ނިމުމަށް ފަހު އެކަން އޭސީސީން އެމަނިކުފާނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެސްކްރޯ އެއްބަސްވުމާ އެއްގޮތަށް އެމަނިކުފާނު އަމަލު ކުރައްވާފައިވާނެ ކަމަށާއި އެހެންވީއިރު، އެ ދައުވާކުރާ ސަބަބާ މެދު ޔާމީން ސުވާލު އުފެއްދެވި އެވެ.

"ފައިސާ އަކީ ފައިސާ. ދައުލަތަށް ބޭނުންވަނީ އެއް މިލިއަން ޑޮލަރު. ދައުލަތަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ދައުލަތުން އެދުނު ގޮތަށް އެހެރީ އެގްރީމެންޓެއްގެ ދަށުން އެއް މިލިއަން ޑޮލަރު ބަހައްޓައި ދީފައި. ގާނޫނަކީ ރައްކާތެރިކަން ދޭ އެއްޗަކަށް ވާންވާނީ މައުސޫމް މީހުންނަށް،" އެސްކްރޯ އެއްބަސްވުމާ ހަވާލާ ދެއްވައި، ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފައިސާ ބަލަހައްޓަމުން ގެންދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށްވާތީ އެމަނިކުފާނުގެ ފައިސާ ދެއްވަން އަންގަވާފައިވާނެ އެވެ. އެކަމަކު އެ ފައިސާ ޖަމާކުރީ ކާކުކަން އެމަނިކުފާނަށް އޭރު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި އެސްއޯއެފާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެސްއޯއެފްގެ ފައިސާ އަކީ ގާނޫނާ ޚިލާފަށް، ކޮރަޕްޝަން ހިމެނޭ ގޮތަށް ހޯދާފައިވާ ފައިސާ ކަމަށް ވިޔަސް ނޫނީ ގާނޫނާ ޚިލާފަށް ހޯދާ ފައިސާއެއް ކަމަށް ވިޔަސް އެއީކީ އަޅުގަނޑަށް އެނގޭނެ، ޕްރަޔާ ނޮލެޖް ހުންނާނެ ކަމެއް ނޫން. އަދި އެ ފައިސާ އަކީ ގާނޫނާ ޚިލާފަށް ހޯދާފައި ހުރި ފައިސާ ކަމަށް ވަންޏާ ކޮންމެ އިރެއްގައި ވެސް އޭސީސީއަށް އެ ފައިސާ ހުއްޓުވޭނެ. އަދި އަޅުގަނޑުގެ އެކައުންޓަށް ކްރެޑިޓް ކުރެވުނަސް އޭސީސީއަށް އެ ފައިސާ ހުއްޓުވޭނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ ފައިސާ އަކީ ދައުލަތުގެ ފައިސާއެއް ކަން އެއްވެސް އިދާރާއަކުން އެމަނިކުފާނަށް މިހާތަނަށް ވެސް ނާންގާ ކަމަށާއި އެ ފައިސާ އަނބުރާ ދޭން ވެސް އަންގާފައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ ފައިސާއަކީ ކޮން ފައިސާއެއް ކަން ހޯދުމަކީ އޭސީސީގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި އަނގަ ބަހަކުން ވެސް ނޯންނާނެ އެ ފައިސާ ދައްކަން އަންގާފައެއް،" ޔާމީން ވިދާޅުވި އެވެ.

ދިފާއުގައި ފަސް ހުށަހެޅުމެއް، އެއްވެސް ހުށަހެޅުމެއް ބަލައެއްނުގަތް

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ. ދައުލަތުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަނާޅާއިރު، ޔާމީންގެ ވަކީލުން ފަސް ހުށަހެޅުމެއް ހުށަހެޅި އެވެ.

އެގޮތުން ދައުވާގައި ކުށުގެ އުންސުރުތައް ފުރިހަމަނުވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާއި ކޮރަޕްޝަންގެ ކުށް އެއްވެސް ގާނޫނެއްގައި ތަފްސީލުކޮށް ނެތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާއި ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ދައުވާކުރި ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެއްގެ އިތުރުން އެމްއެމްއޭގެ ލިޔުމެއް ނެތި، އެ މައްސަލާގެ ތަހުގީގު ކުރި ކަމަށް ބުނެ ބުނެ ހުށަހެޅުމެއް ހުށަހެޅި އެވެ.

މީގެ އިތުރުން ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅުން ހުށަހެޅި އެވެ. އެ ހުށަހެޅުން ހުށަހެޅީ އަދީބާއި ޒިޔަތަކީ ޔާމީންގެ ވެރިކަމުގައި މަގާމުން ދުރުކޮށް އަދި ޖިނާއީ ކުށްތަކެއްގައި އަދަބު ލިބިފައިވާ ދެ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން ޔާމީނާ މެދު އަދާވާތްތެރިކަން އޮންނާނެތީ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އަދީބާއި ޒިޔަތު މަގާމުން ދުރުކޮށް އަދަބު ދެއްވީ ޔާމީން ނޫން ކަމަށާއި އެކަންކުރީ އޭރު ހުރި މިނިވަން މުއައްސަސާތަކުން ކަމަށެވެ. އެހެންވެ، އެއީ ޔާމީނާ މެދު އެ މީހުންގެ އަދާވާތްތެރިކަމެއް އޮވެދާނެތީ ހެކިބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލަން އެންގެވީ ރައީސް ކަމުގައި ހުންނަވައިގެން ޔާމީން ކަމަށާއި އެހެންވެ، އެ މީހުންގެ އަދާވާތްތެރިކަން އޮވެދާނެ ކަމަށެވެ.

އެގޮތަށް ޝިޔާޒް ވިދާޅުވުމުން އިސް ގާޒީ ސުވާލު ކުރެއްވީ އެ މައްސަލާގެ ތަހުގީގަށް ޔާމީން އެއްވެސް ނުފޫޒެއް ފޯރުވިތޯ އެވެ. ޖަވާބުގައި ޝިޔާޒް ވިދާޅުވީ ޔާމީން އެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށާއި އެކަމަކު އެއީ އެމަނިކުފާނުގެ ސަރުކާރުގައި އަދަބު ލިބިފައިވާ ބަޔަކަށްވާތީ އަދާވާތްތެރިކަން އޮންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީން ވެސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އަދަބު ލިބުނު ދެ ބޭފުޅަކު އެމަނިކުފާނާ މެދު އަދާވާތްތެރިކަން އޮތުމަކީ އިންސާނީ ތަބީއަތުގައި ހުރެދާނެ ކަމެކެވެ. ރިޔާސީ ލޯންޗް ގޮއްވާލި މައްސަލާގައި އަދީބު ޖަލަށްލިއިރު އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޒިޔަތާ މެދު އެމަނިކުފާނުގެ ވެރިކަމުގައި ފިޔަވަޅު އަޅުއްވާފައިވާތީ އެކަމުގެ އަދާވާތްތެރިކަން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިސް ގާޒީ ހައިލަމް ނިންމެވީ އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްސަލަތަކުގެ ތަހުގީގުގައި ޔާމީން ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެފައިވާތީ އާއި ބަޔަކާ މެދު ގާނޫނީ އިމުގެ ތެރެއިން އަދަބު ދިނުމަކީ އަދާވާތްތެރިކަމެއް އޮވެދާނެ ކަމަކަށް ނުވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމަކު ހެކިބަސް ނަގާ މަރުހަލާގައި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީންގެ ފަރާތްޕުޅުން ދެން ހުށަހެޅި ހުށަހެޅުންތަކަކީ ވެސް އެ މައްސަލަ މައުޟޫއީ ގޮތުން ބަލަން ހުރަސް އަޅާ ހުށަހެޅުންތަކެއް ނޫން ކަމަށް ގާޒީ ނިންމެވި އެވެ.

ދައުލަތުން އާ ދެ ހެއްކެއް، ކޯޓުން ބަލައެއް ނުގަތް

ކުރިން ހުށަހަޅާފައި ނެތް އާ ދެ ހެކިވެރިއެއްގެ ނަން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނާ ދެކޮޅަށް ހުށަހަޅައިފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުން ކުރިން ހޯދަން އިއުލާންކުރި މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ އެވެ.

އެކަމަކު ޔާމީންގެ ވަކީލުން އެކަމަށް ދެކޮޅު ހެއްދެވި އެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވީ ފަހުން ހެއްކެއް ހުށަހަޅާ ނަމަ އެކަން ދައުވާ ފޯމްގައި ބަޔާން ކޮށްފައި އޮންނަން ޖެހޭނެ ކަމަށާއި އެކަމަކު އެ މައްސަލާގެ ދައުވާ ހުށަހެޅިިއިރު އެކަން ބަޔާން ކޮށްފައި ނެތް ކަމަށެވެ. ދައުވާ ފޯމްގައި އެކަން ބަޔާން ނުކުރާ ނަމަ، ފަހުން ހުށަހަޅާ ހެކިން ބަލައިނުގަތުމަކީ ކޯޓުން މިހާރު ވެސް އަމަލުކުރާ އުސޫލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސް ގާޒީ ހައިލަމް ނިންމެވީ އެ ދެ ހެކިން ބަލައިނުގަތުމަށެވެ. ސަބަބަކީ އިތުރު ހެއްކެއް ހުށަހަޅާނެ ކަން ދައުވާ ހުށަހެޅިއިރު ބަޔާން ކޮށްފައި ނެތުމުންނާއި އެ މައްސަލާގައި މިހާތަނަށް ހުށަހެޅި ހެކިތަކުން ވެސް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ދެކޭ ކަމަށް ބުނެފައިވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން އިސް ގާޒީ ނިންމަވާލެއްވީ ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ ފުރުސަތެއް ޔާމީނަށް ދެއްވުމަށް ފަހު އެވެ. އަދި ދައުލަތުން ހެކިންގެ ހެކިބަސް ނަގަން އަންނަ މަހު ކުރީކޮޅު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.