ޑީއާރުޕީން އާމިރަށް ދައްކަންޖެހޭ އަދަދު ހައި ކޯޓުން ހަތަރު މިލިއަނަށް ކުޑަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް 19 މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ އަދަދު ހަތަރު މިލިއަނަށް ހައި ކޯޓުން ކުޑަކޮށްފި އެވެ.


އާމިރަށް 19 މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އާމިރު ދެ ސްޓޫޑިއޯއަކުން ޑީއާރުޕީ އަށް ފޯރުކޮށްދިން ޚިދުމަތްތަކުގެ ފައިސާ ނުދެއްކުމުން އެ ފައިސާ އާއި އޭގެ ޖޫރިމަނާ ހޯދަން އާމިރު ދައުވާ ކުރެއްވުމުންނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން 2015 ގައި ހުކުމްކުރީ ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 15 މިލިއަން ދެއްކުމަށެވެ.

އެ މައްސަލަ ޑީއާރުޕީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އާމިރުގެ ސްޓޫޑިއޯއިން ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ޑީއާރުޕީން ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޑީއާރުޕީން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ހެކިންގެ ބަހަށް ބަލާއިރު ޑީއާރުޕީ އަށް އާމިރުގެ ދެ ސްޓޫޑިއޯއިން މަސައްކަތްތައް ކޮށްދީފައިވާކަން އެނގޭ ކަމަށާއި އަދި އެ ޚިދުމަތްތަކުގެ ފައިސާ ނުލިބިގެން އާމިރުގެ ފަރާތުން ޑީއާރުޕީ އަށް ސިޓީ ފޮނުވިކަން ވެސް އެނގޭ ކަމަށެވެ. އަދި އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ޑީއާރުޕީން އެކަން އާމިރަށް އަންގާފައިވާ ކަން ނުވަތަ ފޮނުވި އިންވޮއިސްތަކަށް އިންކާރު ކުރާ ކަން ޑީއާރުޕީން އާމިރަށް އަންގާފައި ނެތް ކަން ވެސް އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން، އިންވޮއިސްގައިވާ ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި ވަކި މިންވަރަކުން ފައިސާ ނެގޭނެ ކަމަށް ބަޔާން ކޮށްފައި އޮތަސް، ކުރިން ޑީއާރުޕީ އަށް ފޮނުވި ބައެއް އިންވޮއިސްތަކަށް ފައިސާ ދެއްކިއިރު ޖޫރިމަނާ ނަގާފައި ނުވާކަން އެނގެ އެވެ. އެކަމުގައި ދެ ފަރާތުން އަމަލުކުރި ގޮތަށް ބަލާއިރު ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ލުޔެއް ދީފައިވާ ކަމަށް ބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ޖޫރިމަނާގެ ގޮތުގައި 15 މިލިއަން ރުފިޔާ ދައްކަން ދަށު ކޯޓުން އެންގީ ދެ ފަރާތުން އަމަލު ކުރަމުން ދިޔަ ގޮތާ ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ޑީއާރުޕީ އަށް ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށެވެ. އެކަމަކު ޖޫރިމަނާގެ ގޮތުގައި 15 މިލިއަން ރުފިޔާ ދައްކަން އެންގި ބައި ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އާމިރަށް ލިބެންޖެހޭ ހަތަރު މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.

ކުރިން އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ ދަރަނީގެ އެހެން މައްސަލަތަކެއް ވެސް އެބައޮތެވެ. އެގޮތުން އެމްޓީސީސީއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމަކާއި ހަބް ކުންފުންޏަށް ހަތް ލައްކަ ރުފިޔާ ދައްކަން ވެސް އެ ޕާޓީގެ މައްޗަށް އެބައޮތެވެ.