ދިވެހި ސިފައިންގެ ތަމްރީނު މަރުކަޒުގެ މަސައްކަތް ނިންމަން އިންޑިއާ އިން އެއް މިލިއަން ޑޮލަރު ދީފި

ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ، ދިވެހި ސިފައިންގެ ތަމްރީން މަރުކަޒުގެ މަސައްކަތްތައް ނިންމަން ރާއްޖެ އަށް އިންޑިއާ އިން އެއް މިލިއަން ޑޮލަރުގެ އެހީއެއް މިއަދު ދީފި އެވެ.


އެ ރަށުގައި ހަދާފައިވާ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމުމުގެ އެހީގެ ލިޔުމާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. މާފިލާފުށީގައި އޮތް ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން އެހީގެ ލިޔުން ހަވާލު ކޮށްދެއްވީ އެ ގައުމުގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދިރެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ މަރުކަޒެކެވެ. އެ ސެންޓަރު ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވެއްސަކަށް ބަހާލައިގެންނެވެ.

ޓްރެއިނިން ސެންޓަރުގެ މަސައްކަތްތަކެއް ނިންމުމުގެ އެހީގެ ލިޔުން، ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމޮޑޭޝަން ބެރެކްސް، ފަޔަރިން ޝެޑް، ފަޔަރިން ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިން އަދި އެ ތަންތަނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތަކެވެ.

ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ހަދައި ނިމުމުން، އެތަން ވާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒަށެވެ.

އެ ސެންޓަރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެލިއާ ކޮންސްޓްރަކްޝަނާއެކު ޑިފެންސް މިނިސްޓްރީން ފުރަތަމަ ސޮއިކުރީ އޮގަސްޓް 5، 2014 ވަނަ އަހަރެވެ. އެއީ 9.4 މިލިއަން ރުފިޔާ އަށެވެ.