އަންގާރަ ދުވަހު ހަވީރު ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވުން މަނާ

އަންނަ އަންގާރަ ދުވަހުގެ ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަތުގުޅައިލުމުގެ ހަރަކާތެއް ބާއްވާތީ އެ ގަޑީގައި އެ މަގުގައި ވެހިކަލް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި އެވެ.


އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އަތުގުޅައިލުމުގެ ހަރަކާތް އަންގާރަ ދުވަހުގެ ހަވީރު 4:30 އިން 6:00 އަށް މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ބާއްވާތީ، އިންޖީނުލީ އެއްގަމު އުޅަނދު އެ ގަޑީގައި ނުދުއްވޭނެ ކަމަށެވެ.

އެހެންވެ، އެވަގުތު ތަކުގައި ވެހިކަލްތައް ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި އެ ގާނޫނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.

ނަމަވެސް، އެވަގުތުތަކުގައި ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އިންޖީނުލީ ވެހިކަލްތަކާއި އެމްބިއުލަންސާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކޮށްފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތާއި އެ ދުވަހު އެ ގަޑީގައި ދުއްވުމުގެ ހުއްދަ ދެވޭ ވެހިކަލްތަަކަށް އެ މަގުގައި ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އަތުގުޅައިލުމުގެ ހަރަކާތެއް ބޮޑުތަކުރުފާނު މަގުގައި ބާއްވާތީ އަންގާރަ ދުވަހު ހަވީރު ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވުން މަނާ ކުރި އިރު، މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ވެސް މާލޭގެ މަގުމަތީގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ވެހިކަލް ދުއްވުން، ސިޓީ ކައުންސިލުން ނެރުނު ގަރާރަކުން މަނާކުރީ އެ ދުވަހު މަގުމަތީގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާތީ އެވެ. އެގޮތުން، އެމްއެންޑީއެފާއި ކެޑޭޓްކޯގެ ފަރާތުން ފަސް ބޭންޑަކުން ޕެރޭޑާއި ރޫޓު މާޗު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެހެންވެ ހޮނިހިރު ދުވަހު ހަވީރު 3:30 އިން 6:30 އަށް އެއްވެސް ވެހިކަލެއް ދުއްވުމަކީ މަނާކަމެކެވެ.

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހުކުރު ދުވަހަކާ އެވެ. އެހެންވެ، ރަސްމީ ބަންދު ދުވަހަކާ ދިމާތީ، އަންނަ އާދިއްތަ ދުވަސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.