އައްޑޫ ސިޓީ ކައުންސިލްގެ ދެ މުވައްޒަފަކަށް މި ފަހަރު އުމްރާ ދަތުރު ދީފި

އައްޑޫ ސިޓީ ކައުންސިލްގެ ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބް (އޭސީސީޑަބްލިއުއާރްސީ) އިން މި ފަހަރު އެ ކައުންސިލްގެ ދެ މުވައްޒަފަކަށް އުމްރާ ދަރުތު ދީފި އެވެ.


މި ފަހަރުގެ އުމްރާ ދަތުރުގެ ގުރު ކާމިޔާބު ކުރީ ހަދީޖާ މޫސާ އާއި ނިއުމާ ހަސަނެވެ.

އަސްކޮއި ހައްޖު އުމްރާ ގްރޫޕާއި އައްޑޫ ސިޓީ ކައުންސިލްގެ ރެކްރިއޭޝަން ކްލަބް ގުޅިގެން ދޭ އުމްރާގެ މި އަހަރުގެ ނަސީބުވެރިން ހޮވުމަށްޓަކައި ކައުންސިލް އިދާރާގައި ރޭ ބޭއްވި ހަފުލާއެއްގައި މެމްބަރުންގެ މެދުގައި ގުރުއަތު ނަގައިދިނީ މިދިޔަ އަހަރުގެ އުމްރާ ދަތުރު ލ؛ިބުނު މުޙައްމަދު އިބްރާހީމެވެ. އަދި އުމްރާ ދަތުރު ލިބުނު މުވައްޒަފުންނަށް ރަމްޒީ ލިޔުން ހަވާލުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. މި އަހަރުގެ އުމްރާ ދަތުރު ލިބޭ މީހުން ހޮވީ މިދިޔަ ދެ އަހަރުގެ ނަސީބުވެރިން ނުހިމަނައި ކްލަބުގެ 144 މެމްބަރުންގެ މެދުގައި ގުރުއަތުލައިގެން ކަމަށް ވެސް ރެކްރިއޭޝަން ކުލަބުން ބުންޏެވެ. ކުރިން ކޮންމެ އަހަރަކު އުމްރާ ދަތުރު ދިނީ އެންމެ މުވައްޒަފަކަށެވެ. އައްޑޫ ސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ އިތުރުން އެ މީހުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި 2017 ގައި ރަޖިސްޓަރީ ކުރި ކްލަބެކެވެ.

މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ކްލަބުގެ ފަރާތުން އަންނަނީ ރާވަމުންނެވެ. ކޮންމެ އަހަރަކުވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީން ކުރިން ވަނީ ނިންމައިފަ އެވެ.