ނުފޫޒުތަކަށް ދީލާލައި މިނިވަންކަން ގެއްލިދާނެތީ ކަންބޮޑުވޭ: ޕީޕީއެމް/ޕީއެންސީ

ރާއްޖޭގެ ނިންމުންތަކަށް ބޭރުގެ ބާރުގަދަ ގައުމުތަކުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީ، މިނިވަންކަން ގެއްލިދާނެ ފަދަ އިހްސާސެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.


މިއަދު ފާހަގަކުރާ، ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވައި އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ބޭރުގެ ބާރުގަދަ ނުފޫޒުތަކުން ރާއްޖެ އަށް ބިޔަ ރާޅުތަކެއް ކުރިމަތި ކުރުވި ކަމަށެވެ. އެކަމަކު އެ ކަންކަމަށް އެމަނިކުފާނު ދޫ ނުދެއްވައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އިގްތިސާދީ އަޅުވެތިކަމުން ވެސް ރާއްޖެ އަމިއްލަ ފައި މައްޗަށް ތެދުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ތަރައްގީގެ ބާނީ އަކީ ޔާމީން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުންޏެވެ.

އެ ކޯލިޝަނުން ބުނިގޮތުގައި މިނިވަން ދުވަސް މިއަދު ފާހަގަކުރާ އިރު މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިނިވަންކަން ގެއްލިގެންދާ ފަދަ އިހްސާސްތައް ކުރަން ޖެހުމަކީ ނުރައްކާތެރި ސިގްނަލެކެވެ. ސިޔާސީ މަންފާ ހޯދަން ގައުމުގެ މިނިވަންކަމުގެ އިންތައް ހުރަސްކުރަން ފަށައިފި ނަމަ މިނިވަންކަން ނެތި ހިނގައިދާނެ ކަމަށް ބުންޏެވެ.

"ދިވެހި ގައުމު ހިންގަންވާ ގޮތާއި ދިވެހި ގައުމުގެ އިގްތިސާދު ބައްޓަން ކުރަންވީ ގޮތާއި ދިވެހިންގެ ކަންކަން ނިންމަންވާނީ ޚުދު ދިވެހިންނެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމާއި ޕީއެންސީން ބުނީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައި ދޭން މަސައްކަތް ކުރަންވާނީ މިނިވަން ކަަމަށް ކުޑަ ނަމަވެސް ބުރުލެއް ނާރާނެ ގޮތަކަށް ކަަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ގައުމަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް ބަޔާނުގައިވެ އެވެ.

ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ތަފާތު އެކި ސިފަސިފައިގައި ރާއްޖޭގެ މިނިވަންކަމުގެ ދޮރުގައި ޓަކި ޖަހަމުން ދިޔަ ނަމަވެސް ސިޔާސީ މަންފާ އަށް މިނިވަންކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރަން އެ ކޯލިޝަނުން ގޮވާލި އެވެ.

ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމްކޮށް، ބޭރުގެ ބާރުގަދަ ނުފޫޒުތަކަށް ދީލައި ނުލުމަށް ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިލްތިމާސްކުރި އެވެ. މީގެ އިތުރުން، އަޅުވެތި ކަމުގެ ނާމާން އައްސޭރިއަކަށް މި ގައުމު އޮޔާދާ ފަދަ އެއްވެސް މުއާމަލާތެއް ވެސް ނުކުރަން ސަރުކާރަށް އެ ކޯލިޝަނުން ގޮވައިލި އެވެ.