ދިވެހި ދިދައަކުން ބުރުޖް ޚަލީފާ ދިއްލާލައިފި

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ދިވެހި ދިދައަކުން ބުރުޖް ޚަލީފާ މިރޭ ދިއްލާލައިފި އެވެ.


ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ހުންނަ މި އިމާރާތަކީ ދުނިޔޭގެ އުސް އިމާރާތެވެ. ފެއްސާއި ރަތާއި ހުދުން މި އިމާރާތް ދިއްލީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުންނެވެ.

ދުނިޔޭގައި ފާހަގަކުރާ އެކި މުނާސަބަތުތަކާ ގުޅިގެން މި އިމާރާތް ދިއްލުމަކީ އާއްމު ކަމެކެވެ. އެކި ގައުމުތަކުގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމެއްގެ ދިދަ އިން މީގެ ކުރިން ވެސް މި އިމާރާތް ދިއްލާފައިވެ އެވެ.

ދިވެހި ދިދައަކުން ބުރުޖް ހަލީފާ ދިއްލުމާ ގުޅިގެން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޓުވީޓު

ބުރުޖް ޚަލީފާ އަކީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮންނަ އިމާރާތެވެ. އުސްމިނުގައި 2700 ފޫޓް ހުންނަ އެ އިމާރާތުގައި 164 ފްލޯ ހުރެ އެވެ.