ބަނގުރާ ހުރި ދަޅުތައް ފިހާރަތަކުން ނަގަނީ

ބަނގުރާ އެކުލެވޭ ދަޅުތައް ފިހާރަތަކުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ "ޖާސްޓެލް" ނަމަކަށް ކިޔާ ދަޅެއްގައި ބަނގުރާ ހުރި ކަމަށް ތުހުމަތު ކުރައްވައި އެކަން ސަމާލު ކަމަށް ގެންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެކަމަކު އޭނާ އާއްމު ކުރެއްވުމުގެ މާ ކުރިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިއަދު ބުންޏެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖާސްޓެލް އެތެރެކުރާ ފަރާތްތަކާ ވާހަކަ ދައްކައި އެފަދަ ބުއިންތައް ބާޒާރުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. މި ބްރޭންޑްގެ ދަޅުތަކުގައި ބަނގުރާ ހިމެނޭ ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ޝައްކު ކުރެވިގެން މިދިޔަ މަހުގެ ތެރޭގައި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެތަނުން ބުނިގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރަމުން އަންނަ ޖާސްޓެލްގެ އެންމެ ފަހު ޝިޕްމަންޓް އެތެރެކުރީ އޮގަސްޓް 2018 ގަ އެވެ. މި ބާވަތުގައި ބަނގުރާ ހިމެނޭ މައްސަލަ ބަލަމުން އަންނަނިކޮށް މި މަހުގެ 17 ގައި ޝިޕްމަންޓެއް އެތެރެކުރި އެވެ. އެ ޝިޕްމަންޓް ކަސްޓަމްސް އިން ވަނީ ހިފަހައްޓައިފަ އެވެ.

"މި ބުއިންތަކުގައި 0.3 ޕަސެންޓަށް ވުރެ ގިނަ ނޫން މިންވަރަކަށް ބަނގުއާވި އެކުލެވިގެންވާކަން ލެބޯޓްރީ ތަހުލީލުން ކަސްޓަމްސް އަށް ސާބިތުކުރެވިފައި ވަނީ 21 ޖުލައި 2019 ގަ އެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.

ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރެވެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާ އެކުގައި ކަން ކަސްޓަމްސް އިން ފާހަގަކޮށްފައިވެ އެވެ. މި ބާވަތުގެ ބުއިންތަކަކީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ބާޒާރުގައި ފުޅާދާއިރާއެއްގައި ދައުރުވި ބުއިމެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

އެހެންކަމުން މިއީ ގިނަ ބައެއްގެ ވިޔަފާރީގެ މަސްލަހަތާ ވެސް ގުޅިފައިވާ މައްސަލައެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި މައްސަލައާ ގުޅިގެން އުފެދިދާނެ ހުރިހާ ކަމެއް ހައްލުކުރަން ކަމާގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަދި މިފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުވިޔަ ނުދޭން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ކަސްޓަމްސް އިން ވަނީ ދީފަ އެވެ.