މިރޭ ފެންނާނީ ޓޫރިޒަމް ދާއިރާގެ ހައްލުތަކުގެ ފެށުން: މިނިސްޓަރު

ޓޫރިޒަމް ދާއިރާގެ މުހިންމު ތިން ކަމެއް މިރޭ އިފުތިތާހު ކުރާއިރު، އެއީ އެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމުގެ ފެށުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" ގެ ނަމުގައި ދަރުބާރުގޭގައި މިރޭ 8:30 ގައި ބާއްވާ ހަފްލާގައި، ޓޫރިޒަމް ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާޕްލޭނާއި އެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެންގެ ދަފްތަރު އެކުލަވައިލަން ފެށުން އިފުތިތާހު ކުރާނެ އެވެ. މީގެ އިތުރުން ޓޫރިސްޓު ރަށްރަށުގައި ލައިފް ގާޑް ނުވަތަ ބީޗް ސްކައުޓުން ތައާރަފު ކުރަން ފެށުން ވެސް މިރޭ އޮންނާނެ އެވެ.

މި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރާއްޖޭގެ ޓޫރިޒަމްގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ ޔުނިވަސަލްގެ ޗެއާމަން އަދި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވެސް ވާހަކަ ދައްކަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު އަލީ ވަހީދު "މިހާރު" އަށް ވިދާޅުވީ، މިރޭ އިފުތިތާހު ކުރަނީ ޓޫރިޒަމް ދާއިރާގެ މިސްރާބު ކަނޑައަޅާނެ ކަންތައްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މިރޭ މި އިފުތިތާހު ކުރަނީ ޓޫރިޒަމް ދާއިރާ އަށް ޖުމްލަ ހައްލެއް ކަނޑައެޅޭނެ ކަންތައްތަކެއް. މިއިން ކޮންމެ ކަމަކީ ވެސް މި ދާއިރާގެ މުސްތަގްބަލާ ގުޅިފައިވާ ކަމެއް. ޚާއްސަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ދާއިރާ ތަރަައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ސަމާލު ކަމަށް ވަރަށް ބޮޑު ބާރެއް ލިބޭނެ ކަންކަން މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން މި ކަންކަމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހެޔޮ ބަދަލެއް އަންނާނެ."

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށް މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ އަސަރު އެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެންނަށް ކުރާނެ އެވެ. އޭގެ ތެރޭގައި އެ ދާއިރާގެ މަސައްކަތްތެރިންގެ ނަން އޭނާ ވަކިން ފާހަގަކުރެއްވި އެވެ.

މިރޭ އިފުތިތާހު ކުރާ އެންމެ މުހިންމު އެއް ކަމަކީ ޓޫރިޒަމް ދާއިރާގެ މީހުންގެ ދަފްތަރެއް އެކުލަވައިލުމެވެ. މިއީ މިހާތަނަށް ނުކޮށް އޮތް ކަމެކެވެ.

މިއިން ކޮންމެ ކަމަކީ ވެސް މި ދާއިރާގެ މުސްތަގްބަލާ ގުޅިފައިވާ ކަމެއް. ޚާއްސަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ދާއިރާ ތަރަައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ސަމާލު ކަމަށް ވަރަށް ބޮޑު ބާރެއް ލިބޭނެ ކަންކަން މިއީ،" އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ ދަފްތަރުން ލިބޭ މައުލޫމާތުގެ އަލީގައި ޚާއްސަ ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށެވެ. އެ ރިޕޯޓުގައި ރިސޯޓުތަކާއި ޓޫރިސްޓުންނާއި މުވައްޒަފުންގެ ހާލަތާ ގުޅޭ މުހިންމު މައުލޫމާތުތައް ހިމަނާނެ އެވެ. އޭގެ ތެރޭގައި ސާވިސް ޗާޖުގެ ތަފްސީލީ މައުލޫމާތައި ޓޫރިޒަމް ދާއިރާގައި ތިބި ދިވެހިންނާއި ބިދޭސީންގެ މައުލޫމާތާއި ދިވެހިންނަށް ވަޒީފާ އިތުރުކުރުމުގެ މިސްރާބު ދެނެގަތުމާއި ދިވެހިންނާއި ބިދޭސީން ވަޒީފާގައި ހަރުލާ މިންވަރާއި މުވައްޒަފުންގެ މުސާރަ ބެހިފައިވާ ގޮތް ހިމެނެ އެވެ.

އަދި މުވައްޒަފުންނަށް ދިމާވާ މައްސަލަތަކުގެ ޝަކުވާ މޮބައިލް އެޕްލިކޭޝަނަކުން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅޭނެ ގޮތް ވެސް ހަދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ދަފްތަރު ނިންމައި އިފުތިތާހު ކުރުމަށް ކަނޑައަޅާފައި ވަނީ މޭ 1، 2020 ގަ އެވެ. އެ ދަފްތަރު ޓެސްޓު ކުރުމުގެ މުއްދަތަކީ ތިން މަހެވެ.