އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިވަޑައިގަތީ ޝަކީލަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅަކަށް އިބްރާހިމް ޝަކީލް ވެ ވަޑައިގެންފި އެވެ.


އޭސީސީގގެ މެމްބަރުކަމުގެ ފަސް މަގާމަށް ކުރިމަތިލާން ކުރި އިއުލާނާ ގުޅިގެން 68 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލިއިރު، ހުރިހާ ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެކަމަކު، އޭގެ ތެރެއިން ކޮމިޝަނަށް އައްޔަން ކުރަން ރައީސް ފާހަގަ ކުރައްވާ 12 ބޭފުޅެއްގެ ނަން ވަކިން ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ 12 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، މާކްސް ދިންއިރު އެންމެ މަތިން މާކްސް ލިބިވަޑައިގަތް ޝަކީލަށް 77.71 މާކްސް ލިބިވަޑައިގަތްއިރު، ދެވަނަ އަށް އާދަމް ޝާމިލަށް 77.28 މާކްސް ލިބިވަޑައިގަތެވެ. އަދި ފާތިމަތު އަނޫލާ އަށް 77.26 މާކްސް، މަރިޔަމް ޝިއުނާ އަށް 76 މާކްސް، އައިޝަތު އަބްދުﷲ އަށް 75 މާކްސް ލިބިވަޑައިގަތެވެ.

މަގާމަށް ގާބިލް ކަމަށް ކޮމެޓީން ބަލަނީ 75 މާކްސް ނުވަތަ އެ އަށް ވުރެ މަތިން ލިބިގެން ކަމަށް ވާއިރު، އެ މަގާމަށް ކުރިމަތިލެއްވި ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒަށް ލިބިވަޑައިގަތީ އެ މިންގަނޑަށް ވުރެ ދަށް މާކްސް އެކެވެ. ނިޔާޒަށް ކޮމިޓީން ދީފައިވަނީ 67.47 މާކްސް އެވެ.

އޭސީސީގެ މެމްބަރުކަމަށް ބޭފުޅުން އައްޔަން ކުރަނީ މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ އެވެ.