25 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

އެކި މައްސަލަތަކުގައި އަތުލައިގެންފައި ހުރި 25 ކިލޯގެ މަސްތުވާތަކެތި ފުލުހުން މިއަދު ނައްތާލައިފި އެވެ.


ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ޝަރުއީ މަރުހަލާ އަށް ބަހައްޓަންޖެހޭ ވަރަށް ބެހެއްޓުމަށްފަހު ޑްރަގްސްތައް ނައްތާލީ އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ދޫނިދޫގައި ކަމަށެވެ. އެގޮތުން މިއަދު ނައްތާލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ހޯދާފައިވާ މަސްތުވާތަކެއްޗާއި ބަނގުރަލެވެ.

އޭގެ ތެރޭގައި 23 މައްސަލައަކާއި 20 ހާދިސާއެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅި އާއި 112 ބިއަރު ދަޅުގެ އިތުރުން 25 ކިލޯގެ ޑްރަގްސް ހިމެނެ އެވެ.

މިދިޔަ މަހު ވެސް 419 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލާފައި ވެ އެވެ. އެ ރަސްމިއްޔާތަށް ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޝަރުއީ މަރުހަލާ އަށް ބަހައްޓަންޖެހޭ ވަރަށް ބެހެއްޓުމަށް ފަހު އެއް މަސް ދުވަސް ތެރޭގައި މަސްތުވާތަކެތި ނައްތާލުމަކީ އަމާޒެއް ކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ނައްތާލަން މަޑުޖެހިފައި އޮތް ކަމުގައި ވިއަސް ގަވާއިދުގައި އޮންނަ ގޮތަށް އެކަން ކުރަން މަސައްކަތްކުރާނެ ކަމަށެވެ.