މަސްތުވާތަކެތީގެ ބޮޑު މައްސަލައިގައި އިތުރު 4 މީހަކު ހައްޔަރުކުރި

މަސްތުވާތަކެތީގެ ބޮޑު މައްސަލައިގައި އިތުރު ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓީޖެޓީ އަށް ކައިރިކުރި ލޯންޗަކުން ފޭބި ތިން މީހުން ކަޅުތުއްކަލާ ކޮށި ކައިރިން މަޑުކުރުވައި އެ މީހުން ގެންގުޅުނު ދަބަހެއް ފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެއަށްފަހު ލޯންޗުގައި ތިބި ދެ މީހުންނާ އެކު ޖުމްލަ ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޑްރަގުގެ ބޮޑު ޑީލަރެއް ވެސް ހިމެނެ އެވެ.

އެ އޮޕަރޭޝަން މިދިޔަ ބުރާސްފަތި ދުވަހު ފެށީ ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބު އޮޕަރޭޝަނުގައި ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ކަޅު ކުލައިގެ އެ ދަބަސް ފާސްކުރިއިރު އޭގެ ތެރެއިން ހަތަރު ރަބަރުގަނޑު ފެނިފައި ވެ އެވެ. އެ މައްސަލައިގައި 31 އަހަރާއި 32 އަހަރާއި 33 އަހަރުގެ ދެ މީހުން އަދި 43 އަހަރުގެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ތަހުގީގުކުރަމުން އަންނާތީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ. އެހެންވެ ހައްޔަރުކުރި ބޮޑު ޑީލަރަކީ ކާކުކަމެއް ސާފުވާގޮތެއް އަދި ނުވެ އެވެ.