އިންޒާރުގެ މަންޒަރު ނުޖަހައި ދުންފަތުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފި

ދުންފަތުން ސިއްހަތަށް ހުރި ގެއްލުމާއި ނުރައްކަލުގެ އިންޒާރާއި މަންޒަރު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.


ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން މިއަދުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރެވޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ.

އެ ގަވާއިދުގައި ބުނީ ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި ބަންދުކުރާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތަކުގެ ޕެކެޓާއި ކާޓަންގެ ބޭރުގައި ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖަހަން ޖެހޭ ކަމަށެވެ. ކުރިން އެތެރެކޮށްފައިވާ ސިނގިރެޓް ފޮށިތަކުގައި އިންޒާރުގެ މަންޒަރު ނުޖަހައި ނޮވެމްބަރު 30، 2019 އާ ހަމައަށް ވިއްކޭނެ އެވެ.

އެކަމަކު އޭގެ ފަހުން ސިނގިރެޓް ފޮށީގައި ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއްގައި އިންޒާރު ނުޖަހައި ވިއްކުމަކީ ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

ސިނގިރެޓް ފޮށިތަކުގައި އިންޒާރުގެ ފޮޓޯ ޖަހާފައި.

އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ މިއަދު ވިދާޅުވީ ގަވާއިދުގެ ދަށުން ހުރިހާ އުމުރުފުރައަކަށް ވެސް ތަންފީޒުވެގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ ސިނގިރޭޓު ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ޖެހުން ކަމަށެވެ. އެއީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންނަށް ފައިދާވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހަން ނިންމާފައިވާ އިންޒާރުގެ ފޮޓޯއެއް.

"ދުންފަތުން ކެންސަރު ޖެހެއޭ ބުންޏަސް ބައެއް މީހުން ގަބޫލެއް ނުކުރޭ. އެކަމަކު ސިނގިރެޓް ފޮށީގެ ބޭރުގައި މި މަންޒަރުތައް ޖަހައިގެން ވިއްކަން ފެށީމަ ހަގީގީ މައުލޫމާތު ލިބޭނެ، ދުންފަތުން ތިމަންނަ އަށް މި ލިބެނީ އެ ގެއްލުންތައް ކަން ވެސް އެނގޭނެ،" އަރޫނާ ވިދާޅުވި އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގެ ދަށުން ވަކި ސިނގިރެޓް ވިއްކުން ވެސް މިހާރު އޮތީ މަނާކޮށްފަ އެވެ.

ދުންފަތާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ދުންފަތުގެ އިސްތިއުމާލް ކުރުން އަދިވެސް އޮތީ ކަންބޮޑުވާ ދަރަޖައިގަ އެވެ.

އިންޒާރުގެ ފޮޓޯ އާއި މެސެޖް ލިޔެފައިވާ ސިނގިރޭޓު ފޮއްޓެއް: އަންނަ ނޮވެމްބަރު މަހުން ފެށިގެން އިންޒާރުގެ މަންޒަރު ނުޖަހައި ސިނގިރެޓް ނުވިއްކޭނެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން ހަރަދުކޮށްފައިވާ ހަތް ބައްޔަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތަކެކެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ހިމެނެ އެވެ.

އެންމެ ފަހުން 2016-2017 ގައި ހެދި ޑިމޮގްރަފިކް ހެލްތު ސާވޭގައިވާ ގޮތުން 15-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 42.4 ޕަސެންޓް ފިރިހެން އަދި 2.7 ޕަސެންޓް އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ.

ސިނގިރެޓް ފޮށީގައި ޖަހާފައި އިން އިންޒާރުގެ ފޮޓޯއެއް

ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެވްރެޖްކޮށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅާއިރު، އެހެން ގައުމުތަކުގައި ތަފާތު ގިނަ ޓެކްސް ނަގަ އެވެ. އެކަމަކު ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ ބަލާއިރު ދުންފަތުން ޓެކްސް ނަގާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ އޮތުމަކީ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާތަކުގެ ކަންބޮޑުވުމެކެވެ.