އައްޑު އަށް އިންވެސްޓް ކުރެވޭނެ، ފުރުސަތުތައް އެބަހުރި: ނަޝީދު

އައްޑު އަކީ އިންވެސްޓް ކުރަން ރަނގަޅު ސަރަހައްދެއް ކަމަށާއި މިއީ އިންވެސްޓަރުންގެ ފައިސާ އިންވެސްޓު ކުރަން ރާއްޖޭން އެންމެ ރަނގަޅު ސަރަހައްދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، އައްޑު އަކީ އަބަދުވެސް ތަރައްގީގެ ނާރެހެއް ކަމަށެވެ. އެހެންވެ، އައްޑޫ ތަރައްގީ ކުރުމަކީ އެ ވަގުތެއްގައި އޮންނަ ސަރުކާރުކަން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމަށާއި އިންވެސްޓް ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ވެސް އައްޑޫން އަބަދުވެސް ފަހި ފުރުސަތުތަކެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އިންޑިއާގެ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދަށް ބަލާއިރު، ރާއްޖޭގެ އެންމެ ދެކުނު އޮތް އައްޑު އަކީ އީކްއޭޓާގެ ވަރަށް މުހިއްމު ހިސާބެއްގައި އޮތް ތަނަކަށް ވާތީ ލޮކޭޝަނުގެ ގޮތުން ވެސް އައްޑު އަކީ ގިނަ ބަޔަކު ޝައުގުވެރިވާ ތަނެއް ކަމަށެވެ. އަދި އެ ޝައުގުވެރި ކަމަކީ ޒަމާނުއްސުރެ ވެސް އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އަމުދުން މިހާރު އައްޑު އަށް އިންވެސްޓްކޮށްގެން ފައިދާ ނެރުމަކީ ވިޔަފާވެރިންނަށް މާ ފަސޭހަކޮށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ރާއްޖެ އާއި މި ސިޓީ ބަދަލުކޮށް، ތި ބޭފުޅުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް އައްޑު އަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށެވެ. އެގޮތުން އައްޑޫގައި މިހާރު ވެސް ޓޫރިޒަމަށް ހާއްސަ އިތުރު 4،000 އެނދު ތަރައްގީ ކުރަން މަޝްރޫއެއް ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، އައްޑު އަކީ އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް ޓޫރިޒަމް ނޫން ދާއިރާތަކުން ވެސް އިންވެސްޓް ކުރެވޭނެ ތަނެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން، ކަރަންޓް އުފެއްދުމާއި އެ ނޫން ވެސް އެކި ކަހަލަ ކަންކަމަށް އިންވެސްޓް ކޮށްގެން ނަފާ ނެެރޭވޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އައްޑޫގައި މިއަދު މި ފެށި އެކްސްޕޯ އަކީ މިހެން ހުރި ވަރަށް ގިނަ ދާއިރާތަކުން ހުރި ފުރުސަތުގެ ވާހަކަތައް ވަރަށް ފުޅާކޮށް، ހިއްސާ ކުރެވި، މައުލޫމާތުތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން މި އެކްސްޕޯ އިން މި ދެންނެވި ބާވަތުގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭނެ ކަމަށް."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީ އަށް ހުރި ކަންކަމަަށް ބަލާ އިރު ހިތަދޫގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރާއި ގަން އެއާޕޯޓަކީ ވެސް ދެކުނުން އިތުރު ކުރާ ކާގޯތަކަކާ އެކު ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ވަސީލަތްތަކެވެ. އެހެންވެ، އެ ތަންތަނުގެ ބޭނުން ވީހާ ވެސް ރަނގަޅަކަށް ހިފޭނެ ގޮތްތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަށް ކަށަވަރު ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި އަދި އެކްސްޕޯގައި ބައިވެރިވުމަށް ވަޑައިގެންނެވި ފަރާތްތަކާ މަޝްވަރާ ކުރެވި ވާހަކަ ދެކެވި ވިޔަފާރީގެ އެކިއެކި ގުޅުންތައް އުފެދިގެން އައިސް މި އެކްސްޕޯ ކާމިޔާބު ވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ގަމުގެ އީކުއޭޓާ ވިލެޖުގައި ކުރިއަށް ގެންދާ އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެގްޒިބިޓަރުން ބައިވެރިވެ އެވެ. އެގޮތުން 29 ފަރާތަކުން އެކްސްޕޯގައި ބައިވެރިވެފައިވެ އެވެ. އެކްސްޕޯ ތެރޭގައި ބިޒްނެސް ފޯރަމްތަކާއި ޕެނެލް ޑިސްކަޝަންތައް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

އެކްސްޕޯ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި 2003 ގެ މިސް ޔުނިވާސް މުބާރާތުގެ ޓޮޕް ފަހެއްގައި ހިމެނުނު ސާބިއާގެ ސަންޖާ ޕެޕިކް ވެސް ބައިވެރިވި އެވެ.

އެކްސްޕޯއާ ބެހޭ ގޮތުން ޓައިޓަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މިއީ އައްޑޫގެ ތަރައްގީ އަށް ކުރާ މަސައްކަތުގެ ފެށުމެއް ކަމަށާއި ކުރިއަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ ހަރަކާތްތައް އައްޑޫގައި ބާއްވާނެ ކަމަށެވެ.