ރާއްޖެ އާއި ސީޝެލްސްއާ ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ސީޝެލްސްއާ ދެ ގައުމުން އެއްބާރުލުން ދިނުމުގެ ހަތް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ސީޝެލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގަ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގައި ހިމެނެނީ ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުމަކާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ޓޫރިޒަމް ދާއިރާ އާއި ނޫ އިގުތިސާދުގެ ދާއިރާ އާއި ވޮކޭޝަނަލް ޓްރެއިނިން ދާއިރާ އާއި ޒުވާނުން ކުރިއެރުވުމަށް ކުރެވޭ ކަންކަމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެވެ.

ރާއްޖެ އާއި ސީޝެލްސްއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރަނީ: ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނިގޮތުގައި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ހާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވި އެއްބަސްވުމަކީ ރާއްޖެ އާއި ސީޝެލްސްއާ ދެމެދު މިހާރު އޮތް ހާރިޖީ ގުޅުން އިތުރަށް ފުޅާކޮށް އެކިއެކި ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ޓޫރިޒަމް ދާއިރާއިން ސޮއިކުރި އެއްބަސްވުމާއި، ނޫ އިގްތިސާދުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާއިން ވި އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.