އަދީބު ހައްޔަރުކުރި މައްސަލަ އދ. އަށް ހުށަހަޅަނީ

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފުރާވަޑައިގަތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހަޅަން އެ މަނިކުފާނުގެ ވަކީލުން ތައްޔާރުވެއްޖެ އެވެ.


އަދީބުގެ ބައިނަލްއަގުވާމީ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އަދީބު ހައްޔަރުކޮށްގެން މާލެ އަށް ގެންނަކަން ކަށަވަރުކުރެވިފައިވާ ކަަމަށާއި ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އަދީބު ހައްޔަރުކޮށްފައި ހުންނެވީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ޖެނީވާގައިވާ [އިންސާނީ ހައްގުތަކާ ބެހޭ ޔޫއެންގެ] ހާއްސަ މުއައްސަސާތަކަށް އަދި ވަކިން ހާއްސަކޮށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މި މައްސަލަ ހުށަހަޅާނަމެވެ. އެމަނިކުފާނުގެ ހައްގުތައް ކަށަވަރުކުރުމަށް ޔޫއެން ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ އޮފީހަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ،" އަދީބުގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.

އަދީބު ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ އިންޑިއާގެ ސަރަހައްދުން ނޫން ކަމަށް އެ ގައުމުން ބުނި ކަމަށާއި ނަމަވެސް އެމަނިކުފާނު ހައްޔަރުކޮށްފައި ހުންނެވި ބޯޓް އޮތީ ޓުޓިކޮރިންގެ ބަނދަރާ އެންމެ 500 މީޓަރު ދުރުގައި ކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކީ ކޮންމެ ގައުމެއްގެ ވެސް އައްްސޭރިން ފެށިގެން 12 ނޯޓިކަލް މޭލު ބޭރެވެ.

އަދީބު އަތުލައިގަތީ ފަޅުވެރިއަކަށް ވެގެން، ސިންގަޕޫރުގެ ޓަގެއް ކަމަށްވާ "ވާގޯ 9" ގައި ދަތުރު ކުރައްވަނިކޮށް ކަނޑުމަތިން އިންޑިއާގެ ސިފައިންނެވެ. އެއީ އިންޑިއާ އިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނީޝިއާގެ އަށް މީހުންނެވެ.