ދައުލަތާ އެކު ވީ އެއްބަސްވުމާ އަދީބު ޚިލާފުވެއްޖެ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ވީ އެއްބަސްވުމާ އެމަނިކުފާނު ޚިލާފުވެފައިވާ ކަމަށް ފުލުހުން ރޭ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.


އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބާ އެކު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހެދިކަން ދައުލަތުން ހާމަކުރީ، އެމަނިކުފާނު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދީބު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ހުރިހާ ހުކުމްތަކަކުން މިނިވަންވެފައި ހުރި އަދީބު ހައްޔަރުކުރީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ރާއްޖެ އިން ފިލި މައްސަލައިގަ އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގަންނަވަނީ ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވާށެވެ. ބަދަލުގައި އަދީބަށް ވެސް ލުއިތަކެއް ލިބެ އެވެ. އޭގެތެރޭގައި، ވަކި މުއްދަތަކަށް ވުރެން ކުރު ހުކުމް އަންނަ ކުށްތަކުގައި ދައުވާ ނުކުރުން ހިމޭނޭ ކަން އެނގިފައިވެ އެވެ.

އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ މި އެއްބަސްވުމާ ވެސް ޚިލާފުވެވަޑައިގެންފައިވާތީއާ އެކު އެމަނިކުފާނު ފިއްލެވުމުގެ ބިރު އޮތް ކަމަށް ބުނެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދިދާނެ އެވެ.

އަދީބުގެ ވަކީލް، މަހްފޫޒް ސައީދު މިއަދު ވިދާޅުވީ އެއްބަސްވުން ކުރިއަށް ގެންދަން އަދީބު ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ތަހުގީގުގައި އަދިވެސް ފުލުހުންނަށް އެއްބާރުލުންދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދީބަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ ނަމަ އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ހިއްސާކުރަން އަދީބު ބޭނުންފުޅުވޭ،" މަހްފޫޒް ވިދާޅުވި އެވެ.

އަދީބު ބަންދުގައި ހުންނެވުމަކީ، މަހްފޫޒް ވިދާޅުވި ގޮތުގައި، އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫނެވެ. އަދީބު ތަހުގީގަށް އެއްބާރުލުން ދެއްވަނިކޮށް މީގެކުރިން މި އެއްބަސްވުމަށް ދައުލަތުން ވެސް އިހްތިރާމް ނުކޮށް، ސުޕްރީމް ކޯޓުގައި އަދީބު ބަންދުކުރުމުގެ އަމުރަށް އެދިފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދީބު ގައުމުން ފިއްލެވީ އިންޒާރުތަކާ އެކު ނުރައްކާތެރިކަން ކުރިމަތިވުމުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި، ނުފޫޒު ގަދަ ވަރަށް ގިނަ މީހުންނާ ދެކޮޅަށް ވާހަކަ ދައްކަވަން ޖެހިވަޑައިގަތުމަކީ އެމަނިކުފާނަށް ނުރައްކާ އޮތް ކަމެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް އަދީބު ދެއްވާ މައުލޫމާތުތަކަކީ ނުފޫޒު ގަދަ އެކި މަގާމްތަކުގައި މިވަގުތު ވެސް ތިއްބެވި ބޭފުޅުންނާ ދެކޮޅަށް ދެއްވާ މައުލޫމާތުތަކެއް ކަަމަށް މަހްފޫޒް ވިދާޅުވި އެވެ.

އަދީބުގެ ބަންދުގެ މުއްދަތު ކޯޓުން ފުރަތަމަ އިތުރުކޮށެއް ނުދިނެވެ. އެއީ ފުލުހުންގެ ގާނޫނާ ޚިލާފަށް އަދީބު ހައްޔަރުކޮށްފައި ވުމުންނެވެ.

އަދީބު، ރޭ 10:30 ހާއިރު ރާއްޖެ ގެނެސް އެމަނިކުފާނު ބަންދު ކުރުން ލަސްވީ ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް ވުމުންނެވެ. އަދި ފުލުހުން ވަނީ ކޯޓުގައި ވެސް އެކަމަށް އިއުތިރާފް ވެފަ އެވެ. ރާއްޖޭގެ ގާނޫނީ ބާރު ހިނގާނީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ. އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.