ސަރުކާރަކީ މަޖިލީހަށްވެ ނިމިއްޖެ: ޖަމީލް

ސަރުކާރު "މަޑު ނިދީގައި އޮއްވައި" ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށްވެ ނިމިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ގައުމު ހިންގާ ތަން ނުފެންނަ ކަމަށެވެ. ސަރުކާރު އޮތީ، އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި "މަޑު ނިދީގައި ނިދާފައި" ކަމަށާއި ގައުމު ހިންގަނީ މަޖިލީހުން ކަމަށެވެ.

މިކަން މިގޮތަށް ހިނގަނީ ވެރިކަމުގެ ނިޒާމް އޮޅިގެންތޯ ވެސް އެމަނިކުފާން ސުވާލު އުފެއްދެވި އެވެ.

"ދައުލަތް ބެހިފައިވާ ގޮތް ގާނޫނުއަސާސީގައި ތަފްސީލް ނުވަނީ ބާ؟" ޖަމީލް ސުވާލު ކުރެއްވި އެވެ.

ތިން ބާރު ވަކިކޮށްފައިވާ ނިޒާމު ހިންގަމުން އަންނަ ގޮތާ ގުޅޭ ގޮތުން ޖަމީލް ފާޑުވި އެއް މައްސަލައަކީ ކޯޓުތަކުގެ ބައެއް ނިންމުންތަކާ ގުޅިގެން މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ކުރަމުން ދާތީ އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ފުރި މައްސަލައިގައި ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ފުރަތަމަ ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅީ އޭނާ ދޫވުމުން ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށެވެ.

ކޯޓުން އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރީ ޓަގުގައި ފިލައިގެން ދިއުމުން އަދީބު ފުރަތަމަ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި، އެ ސަރަހައްދަށް ރާއްޖޭގެ ގާނޫނުތައް ނުހިނގާނެތީ އެވެ. އެކަމަކު އަލުން ހައްޔަރުކުރުމުން އަދީބުގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރައްވައި މި ސަރުކާރު ގެންނެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޖަމީލް ސަރުކާރަށް މި ފާޑުވިދާޅުވީ މީގެކުރިން ވެސް މި ސަރުކާރުގެ ހިންގުން ލަސް ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހުން މި ފަހަކަށް އައިސް އަންނަނީ ގިނަ ނިންމުންތަކެއް ނިންމަމުންނެވެ. އެކި މައްސަލަތަކަށް ހުށަހަޅާ ބިލްތަކަށް ބަހުސް ކުރުމާއި ބިލްތައް ފާސްކުރުމާއި ކޮމިޓީތައް ބާއްވަ އެވެ. މަޖިލީހުގެ މަސައްކަތްތަކުގައި ހޭދަ ކުރަން ޖެހޭ ވަގުތާއި ބުރަ ބޮޑުވެގެން ބައެއް މެމްބަރުން ގެންދަވަނީ އެކަމުގެ ޝަކުވާ ކުރައްވަމުންނެވެ.

މި ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ޖަމީލް ކުރިން ސިޔާސީ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމައިން އެމަނިކުފާނު ގެންދަވަނީ ކޯލިޝަން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

އިންތިޚާބު ނިމުމުން އެމަނިކުފާނު ވަނީ ޕީޕީއެމާ ގުޅިވަޑައިގެން އިދިކޮޅު ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވައިފަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަން ވެސް ޖަމީލް ވަނީ ނިންމަވައިފަ އެވެ.