އަދީބު ފިއްލަވަން އުޅުއްވި ޓަގު ބޯޓުގެ މައްސަލައެއް ފުލުހުން ބަލަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވަން އުޅުއްވި ޓަގު ބޯޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، އަދީބު މިދިޔަ ހަފުތާގައި ކަނޑުމަގުން ފިއްލަވަން މަސައްކަތްޕުޅު ކުރެއްވީ "ވާގޯ 9" ނަމަކަށް ކިޔާ ބޭރުގެ ޓަގު ބޯޓެއްގަ އެވެ. ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އެ ބޯޓުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އަދީބު ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނެވެ.

ފުލުހުން މިއަދު ބުނީ އެ ޓަގު ބޯޓާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާތީ އެ ބޯޓު ރާއްޖެ އައުމުން އެ ބޯޓު ހިފަހައްޓަން ކަސްޓަމްސް އަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެކަމަކު، އެ ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މި ބޯޓާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަދީބު ހިފެހެއްޓުމަށް ފަހު، މިހާރު ވަނީ ރާއްޖެއަށް ފޮނުވާލައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިހާރު ހުންނެވީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.