"ކިންގް ސަލްމާން" މިސްކިތް އަޅަން ކާނިވާގެ ބައެއް ކަޑަތައް ހުސްކުރަން އަންގައިފި

މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އެންމެ ރީތި މިސްކިތް. ހަ ބުރީގެ މިސްކިތުގެ މަސައްކަތް ޖުލައި މަހު ތެރޭގައި ފަށާނެ

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އިމާރާތްކުރުމަށް ކާނިވާ ސަރަހައްދުގެ ބައެއް ކަޑަތައް ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.


އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިސްކިތުގެ ގޯތިތެރެއަށް ވަންނަ ކަޑަތައް ހުސްކުރަން މުއްދަތެއް މިހާރު ދީފައިވާ ކަމަށެވެ. ބައެއް ތަންތަނަށް ހަތަރު މަސް ދީފައިވާއިރު އަނެއް ބައި ކަޑަތަކަށް ހަ މަސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިސްކިތް އަޅަން ހުސްކުރަނީ ޖުމްލަ ކިތައް ކަޑަކަމެއް މިއަދު ސާފެއް ނުވި އެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ. ހަ ބުރި އަށް އިމާރާތްކުރާ މި މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖާގަ ތަނަވަސް މި މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.