އެންމެ ބޮޑު މަސައްކަތަކީ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުން: އެމްއެންޑީއެފް

އެންމެ ބޮޑު މަސައްކަތަކީ އެތަނުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ހިދުމަތްތައް އަވަހަށް ނުލިބުމުގެ މައްސަލަ ކަމަށެވެ. އެހެންވެ އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްދޭން ބަލާއިރު، އެކަމުގައި ތިބީ ގާބިލް މީހުންތޯ ވެސް ބަލަންޖެހޭ ކަމަށެވެ.

"އަލިފާނުގެ ހާދިސާއަކަށް ވިއަސް، ކަނޑުމަތީގައި ބަޔަކު ހާލުގައި ޖެހިގެން ވިޔަސް އަދި ސީދާ ޑިފެންސާ ގުޅުންހުރި ކަމަކަށް ވިއަސް އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތްތައް އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީވެފައި އޮތުން. މިގޮތުން ވެސް އަސްކަރިއްޔާ އަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ބޭރުގެ ތަފާތު ގައުމުތަކުން ލިބޭތޯ އާ ލީޑަޝިޕްގައި ވަރަށް މަސައްކަތް ކުރަމުން އަންނަނީ،" މަންސޫރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުތަކުގައި، އެ ތަނަށް ބޭނުންވާ ވަސީލަތްތަކާއި ސިފައިންގޭގެ ހަރުމުދާ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ތަފާތު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކަންކަމުގެ އިތުރުން ބަލި މީހުން އުފުލަން ބޭނުންކުރާ ސީ އެމްބިއުލާންސްގެ އަދަދު އިތުރުކޮށް އެ ހިދުމަތް ފުޅާކުރުމުގެ ޕްލޭންތައް ހަދަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ލޯންޗުކުރި ކެޕްސްޓޯން ޑޮކްޓްރިންގެ ތެރެއިން ޑިފެންސް ފޯސް އިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތަކާއި ވާޖިބުތައް އަދި މަސްއޫލިއްޔަތު އަދާކުރުމުގައި ގެންނަންޖެހޭ މުހިއްމު ބަދަލުތައް ގެންނާނެ ކަމަށެވެ.

އެ ބަދަލުތައް ގެންނަނީ، މަންސޫރު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ވީހާ ވެސް ކައިރިން ހިދުމަތް ދެވޭނެ މަގުުފަހިކުރުމަށެވެ. އޭގެ ތެރޭގައި އަލިފާން ނިއްވުމުގެ ހިދުމަތް، ރާއްޖެއަށް ފުޅާކުރުމަށްޓަކައި މިހާރު އުފައްދާފައި ހުރި އޭރިޔާ ކޮމާންޑް ސެންޓަރުތައް އިތުރުކުރުން ހިމެނެ އެވެ.

ހިދުމަތްތައް ފުޅާކުރަން ސިފައިންގެ ތެރޭގައި "ސާވިސް ކޯ" އެއް ތައާރަފްކޮށް އެތަންތަން ހިންގަން އިސްވެރިން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން އެޖުޓަންޓް ޖެނެރަލްސް ކޯ ވަރަށް އަވަހަށް ގާއިމްކޮށް އަސްކަރީ އަދުލުގެ ނިޒާމާއި ސެރޮމޯނިއަލް ކަންތައްތަކާއި މުޅި އެމްއެންޑީއެފް ރަނގަޅު އުސޫލަކުން ދޭތޯ ބެލުމާއި އެކަންކަން އަންނާނީ އެޖުޓަންޓް ކޯގެ ދަށުންތޯ ބަލާނެ ކަމަށެވެ.

"މި ހުރިހާ ކަމެއް ބައްޓަންވެގެން ދަނީ އަޅުގަނޑުމެންގެ މުޅި ސާވިސް ރިފޯމްކުރެވި، ބަދަލުތަކެއް ގެނެވި، މި ޒަމާނާ ގުޅުންހުރި އުސޫލުތަކުގެ މައްޗަށް ބަދަލުކުރެވި، ރައްޔިތުންނަށް އެންމެ އާހިރު އަމާޒަކީ ރައްޔިތުންނަށް މި ފޯރުކޮށްދޭ ހިދުމަތް މިހާރަށްވުރެ ކޮލެޓީކޮށް ފެންވަރު ރަނގަޅުގައި އާއްމުންނާ ހިސާބަށް ފޯރުކޮށްދިނުން،" ޒަކަރިއްޔާ ވިދާޅުވި އެވެ.