ދައުވާލިބޭ ދެ މީހަކު ޔާމީން ދިރިއުޅުނު ގެއިން ނުކުތް ތަން ފެނުނު: ހެއްކެއް

ބްލޮގަރު ޔާމީން ރަޝީދު މަރާލި ރޭ، ދައުވާ ލިބޭ ދެ މީހަކު އެ ގެއިން ނުކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށާއި އަދި ދައުވާ ލިބޭ އިތުރު މީހަކު އޭގެ ތެރެއިން އެކަކު ގޮވައިގެން ސައިކަލުގައި ދިޔަ މަންޒަރު ފެނުނު ކަމަށް ކްރިމިނަލް ކޯޓުގައި މީހަކު މިއަދު ހެކިބަސް ދީފި އެވެ.


އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ކޯޓުގައި މިއަދު ހެކިބަސް ދިން މީހާ ބުނިގޮތުގައި ޔާމީން މަރާލި ރޭ ދަންވަރު އެ ގެ ކައިރީގައި ހުއްޓާ ޔާމީން ދިިރިއުޅުނު ގޭގެ ތެރެއިން ހަޅޭކުގެ އަޑު އިވުނެވެ. އަނިޔާއެއް ލިބެމުންދާއިރު އިވޭ ފަދަ ހަޅޭކުގެ އަޑެއް އިވުމަށް ފަހު އެ އަޑު ކެނޑުނުތާ މިނެޓެއް ހާއިރު ފަހުން ދެ މީހަކު އެ ގެއިން ނުކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ. އަދި ނުކުމެގެން ދިޔަ މީހުންގެ ތެރެއިން އެކަކު މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ފަހަތަށް އަރައިގެން ދިޔަ ކަމަށާއި ދެ ވަނަ މީހާ ގޮސް ޕާކް ކޮށްފައި ހުރި އެހެން ސައިކަލަކަށް އަރައިގެން ދިިޔައީ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ދައުވާ ލިބޭ ހަ މީހުން ހެކިވެރިޔާ އަށް ދެއްކުމަށް ފަހު އޭގެ ތެރެއިން އެއްވެސް މީހަކު އެތަނުން ފެނުނުތޯ ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އެ ގެއިން ނުކުމެގެން ދިޔައީ ދައުވާ ލިބޭ ހައިޝަމާއި ދައުވާ ލިބޭ ޒިހާނެވެ. އަދި މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިނީ ދައުވާ ލިބޭ އިސްމާއިލް ރަޝީދު ކަމަށާއި ހައިޝަމް އެތަނުން ދިޔައީ އެ ސައިކަލުގެ ފަހަތަށް އަރައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ތިން މީހުން އޭރު ލައިގެން ތިބި ހެދުމާއި އެ މީހުން ތިބި ސިފަ ހެކިވެެރިޔާ ކިޔައިދިނަސް، އޭނާ ބުނިގޮތުގައި އެ ގެއިން ނުކުމެގެން ދިޔައިރު ހައިޝަމާއި ޒިހާން ތިބީ މޫނުގައި ސާޖިކަލް މާސްކެއް އަޅައިގެންނެވެ. ހެކިވެރިޔާއާ ދެތިން ފޫޓު ދުރުން ހިނގާފައި އެ ދެ މީހުން ދިޔައިރު މާސްކް އޮތީ އެ ދެ މީހުންގެ އަނގަމައްޗާ ހިސާބުގައި ކަމަށާއި އަދި އިސްމާއިލް ރަޝީދު ސައިކަލު މަތީގައި އިނީ ތޮއްޕެއް އަޅައިގެން ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

ހައިޝަމާއި ޒިހާން އޭރު ތިބީ ބޯ ދިގު ކޮށްފައި ކަމަށާއި އެކަމަކު ސިފަ ބަދަލުކުރަން އިސްތަށިގަނޑެއް އަޅާފައި ހުރި ކަން ފާހަގަ ނުވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ތިން މީހުން ވެސް ސައިކަލުގައި އޭނާ ކުރިމަތިން ދިޔައީ ވެެސް، އެ މީހުން ފާހަގަކުރަން އެނގޭހާ ކައިރިން ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އެ މީހުން ދިޔަފަހުން، އެ ގޭގެ ތެރެއަށް ހެކިވެރިޔާ ވަދެ ވީގޮތް ބެލި ކަމަކަށް އޭނާ ނުބުނެ އެވެ. އެކަމާ ބެހޭގޮތުން އެއްވެސް ފަރާތަކުން އޭނާއާ ސުވާލެއް ވެސް ނުކުރެ އެވެ.

ހަޅޭކުގެ އަޑު އިވުނު ކަމަށް ހެކިވެރިޔާ ބުނާއިރު، އެ އަޑު އިވުމުން ފުލުހުންނަށް އެކަން އެންގިންތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން އޭނާ ބުނީ އެކަން ފުލުހުންނަށް އަންގާފައި ނުވާނެ ކަމަށެވެ.

ތަހުގީގު މަރުހަލާގައި ބަޔާން ދިންއިރު، އެތަނުން ފެނުނު މީހުން ދެނެގަތީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ ފުލުހުން ތަހުގީގުގައި އެކި މީހުން ހިމެނޭ ފޮޓޯ ސެޓެއް ދެއްކި ކަމަށާއި އެ ތިން މީހުން ފާހަގަކުރި އެ ފޮޓޯތަކުން ކަމަށެވެ.

ހެކިބަސް ދިނުމުގެ ކުރިން ފުލުހުން ނުވަތަ ދައުލަތުގެ ވަކީލުންނާ ބައްދަލު ކުރިންތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނިގޮތުގައި ފުލުހުންގެ އެދުމަކަށް ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާގައި ދައުލަތުގެ ވަކީލުންނާ އެކު އޭނާ ވާނީ ބައްދަލުކޮށްފަ އެވެ. އެކަމަކު ތަހުގީގަށް ދީފައިވާ ބަޔާން ބެލުމުގެ ފުރުސަތު އޭނާ އަށް ލިބިފައި ނުވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ރޭ ބައްދަލުކުރި ދައުލަތުގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެބަތިބިތޯ ދިފާއީ ވަކީލަކު ސުވާލު ކުރައްވައި، ދައުލަތުގެ ދެ ވަކީލުން ހެކިވެރިޔާ އަށް ދެއްކުމުން އޭގެ ތެރެއިން އެއް ވަކީލަކު ފާހަގަކޮށް، އޭނާ ބުނީ އެ ވަކީލް އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށެވެ.

ސިޑި ގޮޅީގައި އެއްވެސް އަލިކަމެއް ނެތް

މިއަދުގެ އަޑުއެހުމުގައި ސިއްރުން ހެކިބަސް ދިން ދެވަނަ މީހަކީ ޔާމީން މަރާލި ރޭ ދަންވަރު އޭނާ ދިރިއުޅުނު ގެއަށް އެކި ފަހަރުމަތިން ވަދެ ނިކުމެ ހެދި މީހެކެވެ. އެ ހެކިވެރިޔާ ބުނިގޮތުގައި އެރޭ ދަންވަރުގެ ވަގުތެއްގައި ދެ ފަހަރެއްގެ މަތިން އޭނާ އެ ގެއަށް ވަދެފައިިވާނެ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ފަހަރު ވަންއިރު އެ ގޭގެ ސިޑިގޮޅީގައި އަލިކަން ހުރި ކަމަށާއި އެކަމަކު ދެވަނަ ފަހަރު ވަންއިރު އަލިކަމެއް ނެތް ކަމަށެވެ.

އެކަމަކު އިތުރު އާދަޔާ ޚިލާފް ކަމެއް އޭނާއަށް ފާހަގަނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ދައުވާ ލިބޭ އެއްވެސް މީހަކު އެތަނުން ފެނުނު ކަމަކަށް ވެސް އޭނާ ނުބުނެ އެވެ.

އެ މައްސަލާގައި ފިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ވެސް މިއަދު ނަގާ ގޮތަށް ހަމަޖެއްސި އެވެ. އެކަމަކު ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، ބައެއް ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅު ކުރެއްވުމުން އެހެން ދުވަހަކަށް އެ ބައި ވަނީ ފަސްކޮށްފަ އެވެ.

މީގެ އިތުރުން ފިންގަޕްރިންޓް ނެގުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ލިޔުންތަކުން ފެންނަން ހުރި ކަމަށް ދިފާއީ ބައެއް ވަކީލުން ވިދާޅުވި އެވެ. އަދި ފޮރެންސިކް ހެއްކެއް ހޯދުމަށް ފަހު ތަހުލީލު ކުރަން ގެންދިއުމާ ހަމައަށް ފުރިހަމަވާން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުވާ ނަމަ، އެފަދަ ހެއްކެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ދެ މައްސަލައެއް އެ ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެގޮތުން، ހެކި ހޯދުމަށް ފަހު ތަހުލީލު ކުރުމާ ހަމައަށް ގެންދިއުމުގެ ކުރިން އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ޗެއިން އޮފް ކަސްޓަޑީ ފޯމްގައި ދިމާނުވާ ކަންތައްތަކެއް ހުރި މައްސަލައެއްގައި އެފަދަ ހެއްކަކަށް ބުރަދަން ނުދެވޭނެ ކަމަށް އެ ދެ މައްސަލާގައި ހައި ކޯޓުން ނިންމާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ހެކިތަކާ މެދު ވާހަކަ ދައްކަން ފަހުން ފުރުސަތު ލިބޭނެ ކަމަށާއި އެ ފުރުސަތުތައް އެ ވާހަކަތައް ދެއްކޭނެ ކަމަށެވެ.

ދައުލަތުން އަމަލުކުރާ ގޮތުން ދިފާއީ ވަކީލުންގެ ކަންބޮޑުވުން

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ހެކިވެރިން ހާޒިރު ކުރުމުގައި ދައުލަތުން އަމަލުކުރާ ގޮތުން ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ދުރާލާ އަޑުއެހުންތައް ތާވަލް ކޮށްގެން ގެންދާއިރު ވެސް، ކޮންމެ އަޑުއެހުމަކަށް ހާޒިރު ކުރެވޭ ހެކިވެރިންގެ މައުލޫމާތު ދިފާއީ ވަކީލުންނަށް ލިބެނީ އެ އަޑުއެހުމަކަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެ މައްސަލަ ލަސްވެގެން ދަނީ ދިިފާއީ ވަކީލުންގެ ސަބަބުން ނޫން ކަމަށާއި ދައުލަތުން އަމަލުކުރަމުންދާ ގޮތުން ކަމަށް ވިދާޅުވެ، ވަކީލުން ޝަކުވާ ކުރެއްވި އެވެ. އަދި ދައުލަތާއި ފުލުހުންނަށް ވަކި ޚާއްސަ އުސޫލުތަކެއް ހަމަޖައްސައި ނުދެވޭނެ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ އެ މައްސަލަ ލަސްވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި ހެކިވެރިން ހާޒިރުކޮށް ދެނީ ދައުލަތުން ކަމަށްވާތީ އެކަމުގައި ކޮންމެވެސް ވަރަކަށް ދަތިތަކެއް ވެސް އެބަހުރި ކަމަށެވެ. އެކަމަކު ދެން ހުރި އަޑުއެހުންތައް ބޭއްވުމުގެ ދެ ދުވަސް ކުރިން، ހާޒިރު ކުރެވޭނެ ހެކިންގެ މައުލޫމާތު ދައުލަތުން ކޯޓާ ހިއްސާ ކުރަން ޖެހޭނެ ކަމަށާއި އޭރުން އެ މައުލޫމާތު ދިފާއީ ވަކީލުންނަށް ދުރާލާ އަންގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.