ކުށްކުރުން ހުއްޓުވުމަށް އިންޓަޕޯލާއެކު ކަސްޓަމްސް އިން ސޮއިކޮށްފި

ރާއްޖޭގެ ބަނދަރުތައް މެދުވެރިކޮށް ކުރާ ކުށްތައް ހުއްޓުވައި އެކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރުމަށް، އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) އާ އެކު ކަސްޓަމްސް އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.


އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އަހުމަދު ނުއުމާނެވެ. އަދި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މި އެއްބަސްވުމުގެ މަގްސަދަކީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވައި، ރާއްޖޭގެ ބޯޑާ ސަރަހައްދުގައި ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަޕޯލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ. އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، ދެ އިދާރާގެ ދެމެދު ފަސޭހަކަމާއެކު މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށް އެތަނުން ބުންޏެވެ.

އޭގެ އިތުރުން ރާއްޖޭގެ ގާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަގްވާމީ ވިޔަފާރި އާއި ދަތުރުފަތުރަށް ރައްކާތެރި، ލުއި ފަސޭހަ މާހައުލެއް ގާއިމުކޮށްދީ، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެ ކުރުން މަނާތަކެތި އެތެރެވުން ފަދަ ހަރަކާތްތަކަށް ފާރަވެރިވެ، ރާއްޖެއަށް ވަދެ ނިކުމެވާ ދޮރޯށިތައް ހިމާޔަތްކުރެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި ކަސްޓަމްސް އިން ދޭތެރެ ދޭތެރެއިން ހިފަހައްޓަ އެވެ. އެގޮތުން އިއްޔެ ވެސް ވަނީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ކަސްޓަމްސް އިން އަތުލައިގެންފަ އެވެ.