ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު މާލެ އަތުވެއްޖެ އެވެ.


ފުރަތަމަ އައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 1000 މީހުންގެ ތެރެއިން 252 މީހެކެވެ. މިއީ ހައްޖަށް ދިއުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕްގެ މީހުންނެވެ. ސައުދީ އެއާލައިނުން މި މީހުން އައީ ހެނދުނު 9:00 ގަ އެވެ. މިއީ ހެނދުނު 8:25 ގައި އަންނަން އޮތް ފްލައިޓެއް ނަމަވެސް ސައޫދީން ބޯޓު ފުރުން ލަސްވެ ގަޑިއަށް ބަދަލު އައީ އެވެ.

ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ހަރަމައިން ޖަމާއަތުގެ ހަވާލުގައި ދިޔަ މީހުންގެ ތެރެއިން 20 މީހަކާއި ހައްޖު ކޯޕަރޭޝަންގެ 323 މީހަކާއި އެކްރޯގެ 100 މީހަކާއި ޒައީ ގުރޫޕްގެ 197 މީހަކު މާދަމާ އަންނާނެ އެވެ. އަދި އަންގާރަ ދުވަހު ހަރަމައިން ޖަމާއަތުގެ 44 މީހަކާއި މިނާ ޖަމާއަތުގެ 200 މީހަކާއި ޒައީ ގުރޫޕުގެ ތިން މީހަކާއި އެކްރޯ ޖަމާއަތުގެ 100 މީހަކު ރާއްޖެ އަންނާނެ އެވެ.

ބުދަ ދުވަހު ވެސް ހައްޖު ކޯޕަރޭޝަންގެ 304 މީހަކާއި ހަރަމައިންގެ 116 މީހަކާއި ސިސިލްފަރުގެ 200 މީހަކު އަންނާނެ އެވެ. އަދި ބުރާސްފަތީގައި ހަރަމައިން ޖަމާއަތުގެ 20 މީހަކާއި، 23 ވަނަ ދުވަހު ހައްޖު މިޝަންގެ ފަސް ބޭފުޅަކާއި 24 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ 118 މީހަކު ރާއްޖެ އައުމަށް ހަމަޖެހިފައިވެ އެވެ.

މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެ އެވެ. އާންމު ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް، ހާލު ބޮޑު އެކަކު މިހާރު ވެސް އޮތީ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފަ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހެކެވެ.

ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ މީހުންނެވެ. އަނެއް 1000 މީހުން ދިޔައީ އެހެން ފަސް ގުރޫޕެއްގެ ބެލުމުގެ ދަށުންނެވެ. މި ފަހަރު ހައްޖަށް އައި ދިވެހިންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފަ އެވެ.