ރަން މެޑަލް ހޯދި ދީމާ އަށް އައްޑޫ ކައުންސިލުން ހާއްސަ ޓްރޮފީއެއް ދީފި

މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ރަން މެޑެލް ހޯދައި ދިން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީގެ ކާމިޔާބީ ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުން އޭނާ އަށް ހާއްސަ ޓްރޮފީއެއް ދީފި އެވެ.


މިދިޔަ ބުދަ ދުވަހު އާއިލާއާ އެކު ޗުއްޓީއަކަށް އައްޑު އަށް އައުމުން ކައުންސިލުން އޭނާ އަށް މަރުހަބާ ކިޔައި، ހިތްވަރު ދީފައި ވަނީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ދީމާއާ ޓްރޮފީ ހަވާލުކޮށް ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އެ ހަފުލާގައި ދީމާއާ އެކު މަންމަ އައިޝަތު ވަހީދާ ވެސް ބައިވެރިވި އެވެ. އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ބައިވެރިވި އެވެ.

އައިއޯއައިޖީގައި 11 އަހަރުގެ ދީމާ ރާއްޖެ އަށް ތިން ރަން މެޑެލް ހޯދައި ދީފައިވެ އެވެ. އެ މުބާރާތުގައި އޭނާ ރަން މެޑަލް ހޯދީ ޓީޓީގެ ވިމެންސް ސިންގަލްސް އާއި ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމް އިވެންޓުންނެވެ.

ދީމާއަކީ މިދިޔަ މެއި މަހު ސްވިޑަންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީހުން ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑްގެ މުބާރާތްތަކުގައި ވެސް ވާދަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.