އަރަފާތު ބިމަށް ބޯކޮށް ވާރޭ ވެހެނީ، ދިވެހިންގެ ހާލު ރަނގަޅު

ހައްޖުގެ މަތިވެރި އަޅުކަމުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ތިބި އަރަފާތު ބިމަށް ވަރަށް ބޯކޮށް ވާރޭވެހި، ބައެއް ފޭލިގެތައް ވެއްޓިއްޖެ އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ނެތެވެ.


މިވަގުތު އަރަފާތުގައި ހުރި ޕީއެސްއެމްގެ ނޫސްވެރިޔާ މުހައްމަދު އަފްޒަލް "މިހާރު" އަށް ބުނީ ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ޓެންޓްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ދިވެހިން ތިބި ޓެންޓްތަކަށް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"ސަތަރިތަކުގައި ފެންބޮޑުވެ ހަލާކުވުމުގެ ކުރިން ދިވެހިން ވަނީ އެތަންތަނުން ފެން ހިއްކާފައި. ހުރިހާ ދިވެހިން ވެސް ތިބީ ޓެންޓްތަކުގައި،" އަފްޒަލް ބުންޏެވެ.

އަރަފާތު ބިމަށް މި ގޮތަށް ވާރޭ ވެހުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނަމަވެސް އަވި ގަދަކޮށް ދުވަހެއްގައި މޫސުން ކުއްލިއަކަށް ގޯސްވެ، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހެން ފެށީ އެވެ.

މައްކާއާ 12 މޭލު ދުރުގައި އޮންނަ އަރަފާތު ބިމުގައި މިއަދު އިރުއޮއްސެންދެން ހައްޖުވެރިން ތިބޭނެ އެވެ. އޭގެ ފަހުން ދަތުރު ފަށާނީ މުޒުދަލިފާއަށް ދިއުމަށެވެ. އަދި މާދަމާ ޖަމްރާއަށް ހިލަ އުކުން އޮންނާނެ އެވެ.

ސައުދީ އަރަބިއްޔާގެ ހައްޖާއި އުމުރާއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުއްފައްތާހު މަސްހަތު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ސައުދީގެ ރަސްމީ ފަރާތްތަކުގެ އެއްވެސް ޕްލޭނަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަފްޒަލް ބުނީ އަރަފާތުން ފުރުމަށް ވާން ޖެހޭ ތައްޔާރީތައް ދިވެހިން މިހާރު އަންނަނީ ވަމުން ކަމަށެވެ.

މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް ވިއްސާރައިގެ ތޫފާނެއް މި ވަގުތު ވަނީ އައިސްފަ އެވެ. އެގޮތުން ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް ވެސް ވަރަށް ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ.