އީދުގައި ގޮއިދޫން ތަފާތު ކުޅިވަރެއް: އަލިފާން ބޯޅަ!

އީދުގައި އެކި ރަށްރަށުގައި ތަފާތު ހަރަކާތްތައް ބޭއްވުމަކީ ޒަމާނުއްސުރެން ރާއްޖޭގައި އޮންނަ ކަމެކެވެ. އީދު ކުޅިވަރުތައް ކުޅުމުގައި ރަށްރަށުގެ މެދުގައި އޮންނަ ވާދަވެރިކަން ބޮޑުވެ، ސަގާފީ ކުޅިވަރުގެ އިތުރުން ވެސް އެހެން ބައެއް ކުޅިވަރުތައް އޮވެ އެވެ. އެފަދަ ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ރަށްރަށުން ފެނެ އެވެ.


އިއްޔެ ފާހަގަކުރި މި އަހަރުގެ އަޟްހާ އީދުގައި މިހާތަނަށް އެންމެ ތަފާތު އެއް ކުޅިވަރު ފެނުނީ ބ. ގޮއިދޫ އިންނެވެ. އީދާ ދިމާކޮށް އެރަށުގައި އިއްޔެ ރޭ އޮތީ އަލިފާން ބޯޅަ ކުޅުމެވެ. ފުޓްބޯޅައެކޭ އެއްގޮތަށް ކުޅޭ އެ ކުޅިވަރުގައި ތަފާތަކީ ހުރިހާ އެއްޗެއް ވެސް އަލިފާނުން ހުރުމެވެ. އެންމެ ކުޑަމިނުން، ގެންގުޅޭ ބޯޅަ އާއި ގޯލް ވެސް އަލިފާނުންނެވެ.

އަލިފާނުން ކުރަހާފައި އޮންނަ ދަނޑެއްގެ ތެރޭގައި ތިބެގެން އެރަށުގެ ޒުވާނުންތަކެއް މި ކުޅިވަރު ކުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުޅިވަރު ކުޅޭއިރު ރަށުގެ އެތައް ބަޔަކު އެ މީހުންނަށް ތަރުހީބު ވެސް ދެމުންދެ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ބޯޅަ އެރަށުގައި ކުޅޭތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އާންމު ގޮތެއްގައި އެ ކުޅިވަރު ކުޅެނީ އީދާ ގުޅިގެން ކަމަށާއި މިފަހަރުގެ އީދާ ދިމާކޮށް ރޭ މެޗެއް ކުޅުނުއިރު، އީދު ނިންމާލުމުގެ ގޮތުން ވެސް އިތުރު މެޗެއް ކުޅެން ރާވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ބޯޅަ މި އޮންނަނީ ފޮއްޗާއި ނަރު އޮޅައިގެން އަމިއްލައަށް ހަދާފައި. ދެން ގޯލް މި ހުންނަނީ ސީދާ ދަގަނޑުން. އެ އެއްޗެހީގައި ރޯކޮށްލައިގެން މި ކުޅެނީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި އީދުގެ ހުރިހާ ކުޅިވަރުތައް ވެސް ބާއްވަމުން އަންނަނީ އެރަށު ކައުންސިލާއި ޒުވާނުން ގުޅިގެންނެވެ. އެކަމަކު އަލިފާން ބޯޅަ ކުޅޭއިރު ސަލާމަތީ ގޮތުން ބައެއް ފިޔަވަޅުތައް އަޅާ ކަމަށް އޭނާ ބުންޏެވެ.

"މީހުންގަނޑު ތެރޭގައި ކުޅޭތީ ސެކިއުރިޓީން ތިބޭނެ ދަނޑުގައި ބައިތިއްބާފައި ބޯޅަ އެހެން ބޭރަށް ދިޔަ ނުދޭން. އަދި އަލިފާން ނިވާ ފުޅި ވެސް ދަނޑުގައި ބަހައްޓައިގެން ކުޅޭނީ،" އޭނާ ބުންޏެވެ.

އަލިފާން ބޯޅައަކީ ގޮއިދޫގެ މީހުންނަށް އާ ކަމަކަށް ނުވިޔަސް، ގިނަ ބަޔަކަށް މި އީދުގައި ފެނުނު އެންމެ ތަފާތު އެއް ކުޅިވަރަކީ އެއީ އެވެ.