ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން: އާޒިމް

ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


އާޒިމް ކުރެއްވި ޓުވީޓެއްގައި އެގޮތަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެކަމަކު، "މިހާރު" އަށް އާޒިމް ހަމައެކަނި ވިދާޅުވީ "އެކަން ރަނގަޅު" ކުރެވެން އޮތީ ޝަރުއީ ދާއިރާ އިސްލާހު ކުރެވިގެން ކަމަށާއި އެމްޑީޕީން މަސައްކަތް މި ކުރަނީ އެ ދާއިރާ އިސްލާހު ކުރަން ކަމަށެވެ.

އާޒިމް ކުރެއްވި ޓުވީޓު.

އާޒިމް ފަހުން ވިދާޅުވި ގޮތުގައި އެއީ ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކައެއް ނޫނެވެ.

ދައުލަތް މެދުވެރިކޮށް ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އާޒިމް ވިދާޅުވި އިރު، ދައުލަތުން އެކި ފަރާތްތަކާ އެކު ގާއިމްކުރި އެއްބަސްވުންތައް އުވާލުމުން ނުވަތަ އެއްބަސްވުމަކާ ޚިލާފްވުމުން އެކަންކަމަށް މާލީ ބަދަލުތަކެއް ދޭން ޖެހުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ.

ބޭރުގެ އެކި ފަރާތްތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލު ދޭން ޖެހޭ ފަހަރު އާދެ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެފަދަ ގިނަ ކަންކަން ވަނީ ދިމާވެފަ އެވެ.

އެގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު އެމްޑީޕީގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހުނު މައްސަލަ އެވެ. ދައުލަތުން އަމަލުކުރި ގޮތާއި އިޖްރާއީ މައްސަލަތަކުގެ ސަބަބުން ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ދައުލަތާ ދެކޮޅަށެވެ.

މީގެއިތުރުން ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އާއި ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ޕީއެސްއެމް އިން ދައްކަން ޖެހުނެވެ. އެމްއެންބީސީން ބިގާ އެކު 2010 އެކު ހެދި އެއްބަސްވުމުގެ ދަށުން ބިގަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން މައްސަލަ ކޯޓާ ހަމައަށް ދިޔައިރު، ޖޫރިމަނާއާ އެކު އެ އަދަދު އޮތީ އެތައް ގުނައެއް ބޮޑުވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ބިގަށް އެމްއެންބީސީން އަސްލު ދައްކަން ޖެހެނީ ފަސް މިލިއަން ރުފިޔާ އެވެ. ބާކީ 72 މިލިއަން ރުފިޔާއަކީ އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ.

އޭގެއިތުރުން ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ދަށު ކޯޓުން ހުކުމް ކުރީ އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ސިނގިރޭޓަށް ދެއްކި ޑިއުޓީގެ މައްސަލައެއްގަ އެވެ.

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 130 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކައިފަ އެވެ. އަދި ސުނާމީ ގެތައް އެޅުމުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.