ވަގުތީ މުވައްޒަފުން ވަކިވީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން: ޕްލޭނިން މިނިސްޓްރީ

ކުރީގެ އެމްއާރުޑީސީގައި މަސައްކަތް ކުރި ވަގުތީ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލުނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


މަގު ހެދުން ފަދަ މަސައްކަތްތަކަށް ކުރީގެ ސަރުކާރުން އުފެއްދި އެމްއާރްޑީސީ އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ކުންފުނި ވަނީ އުވާލައިފަ އެވެ. އޭރު އެތަނުގައި މަސައްކަތް ކުރި 709 މުވައްޒަފުން އެއް އަހަރު ދުވަހުގެ ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުކުރީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނަށެވެ.

ހައުސިން މިނިސްޓްރީިގެ މަސައްކަތް މި ސަރުކާރުން، ދެ މިނިސްޓްރީއަކަށް ބަހާލި އިރު އެ މުވައްޒަފުން ބަދަލުވީ ޕްލޭނިން މިނިސްޓްރީ އަށެވެ. އޭރު އެ މީހުންނާ އެކު ކުރީގެ ސަރުކާރުން ހެދި އެއްބަސްވުން ހަމަވާން އޮތީ މަހެއްހާ ދުވަހެވެ.

މުވައްޒަފުންގެ މި ކަންބޮޑުވުންތައް ހުރުމުން މި ސަރުކާރުން ވެސް ނިންމީ އެ މުވައްޒަފުން އިތުރު ހަ މަސް ދުވަހު ވަޒީފާގައި ބައިތިއްބާށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ މުއްދަތު ހަމަވުމުން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އިތުރުކުރަން ނިންމާފައި ނުވާނެ ކަމަށެވެ. އޭރު ސަރުކާރުން ގޮތެއް ހޯދައި ދިނީ އެ މުވައްޒަފުންގެ ތެރޭގައި ގާތްގަނޑަކަށް 300 ދިވެހިން ތިބުމާއި ރޯދަ މަސް ކައިރިވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މުއްދަތު ހަމަވީމަ އެއްބަސްވުން އާ ނުކުރަން ނިންމީ ވަޒީފާ އަށް ފަރުވާ ކުޑަ ދިވެހި މުވައްޒަފުންގެ. ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެމްއާރުޑީސީ އަށް މުވައްޒަފުން ވައްދާފައި ތިބީ ވެސް އިންތިހާ އަށް ބޮޑު މުސާރައިގަ އެވެ. ބައެއް މީހުންގެ މުސާރަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަށް ވުރެ އެތައް ގުނައެއް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތަށް ފަރުވާ ކުޑަ، ބޭނުން ނުހިފޭ މުވައްޒަފުން ވަކިވިޔަސް ސަރުކާރުގެ ވިސްނުމަކީ އޭގެ ތެރޭގައި ތިބި ހަރުދަނާ، ގާބިލް މުވައްޒަފުންނަށް ކޮންމެވެސް ގޮތެއް ހޯދައި ދިނުން ކަމަށެވެ. އެހެންވެ، މި ސަރުކާރުން އުފެއްދި ރޯޑް ކޯޕަރޭޝަނުން އެ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެކަމަށް ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް އަކްރަމް ލަފާކުރައްވަ އެވެ.

"ކުރިން ކަނޑައަޅާފައިވާ މުސާރަ ނޫނަސް، އާ ކުންފުނިން ބައެއް މީހުންނަށް ގޮތެއް ހޯދައި ދެވިދާނެ ކަމަށް މި އުއްމީދުކުރަނީ،" އަކްރަމް ވިދާޅުވި އެވެ.