މަޖިލިހުގެ މެމްބަރެއްގެ ކޮއްތަށް ދުވާލަކަށް 159ރ. ހަރަދުވޭ

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ކޮއްތަށް ދުވާލަކަށް 159ރ. ހަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު، މަޖިލިހުގެ ޖަލްސާގައި، ވިދާޅުވެއްޖެ އެވެ.


މަޖިލިހުގެ މެމްބަރުންގެ ކޮއްތަށް ދުވާލަކަށް ހަރަދުވާ މިންވަރު އޮޅުންފިލުވަން އާންމު މީހަކު މަޖިލިހަށް ފޮނުވި ސިޓީގެ ޖަވާބު، މަޖިލިހުގައި ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލިހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މެމްބަރަކަށް ދުވާލަކަށް ޖެހެނީ 159.88ރ. ކަމަށެވެ. އެކަމަކު އެއިން ކުޑަ މިންވަރެއް މުވައްޒަފުންނަށް ވެސް ހޭދަވާނެތީ ކޮއްތުގެ ގޮތުގައި ސީދާ މެމްބަރުންނަށް ކުރާ ހަރަދު އެއަށް ވުރެ ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި އަދަދަށް ބަލާ ނަމަ، މަޖިލިހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކަށް ކެއުމުގެ ހަރަދަށް މަޖިލިހުން ގާތްގަނޑަކަށް 14،000ރ. ހޭދަކުރެ އެވެ. އާންމުކޮށް ހަފުތާއަކު ތިން ޖަލްސާ ބާއްވާ އިރު އެއީ ހަފުތާއަކަށް 41،000ރ އެވެ.

މިހާރު ހަމަޖައްސާފައި ވަނީ ބައެއް މަސައްކަތްތަައް ނިންމަން އާދިއްތަ އާއި ބުރާސްފަތީގައި ވެސް ޖަލްސާތައް ބާއްވާށެވެ.

"މިއީ އަޅުގަނޑުމެން ކޮށްގެން ނުވާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ މެމްބަރުންނަށް އަދި ރައްޔިތުންނަށް ފާހަގަވާ ކަމަށް ވަނީ ނަމަ، އަޅުގަނޑު ހިތުން މިކަމަށް ވެސް ބަދަލުގެނެވޭނެ،" ކެއުމަށް ކުރާ ހަރަދާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދު ދިރާސާކުރި ވަގުތީ ކޮމިޓީ އަށް އާންމުންގެ ފަރާތުން ފޮނުވި ހިޔާލުތަކުގެ ތެރޭގައި މަޖިލިހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ ކޮއްތު ކަނޑާލަން ހުށަހަޅާފައިވެ އެވެ. އެކަމަކު މަޖިލިހުގެ ގަވައިދު ކޮމިޓީން އިސްލާހު ކުރި އިރު، އެ ބަދަލު ގެނެސްފައެއް ނުވެ އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އާންމު ކޮމިޓީންނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތަރީޚަށް އިޝާރަތްކުރައްވައި ނަޝީދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ވެސް "ހުރިހާ ބޮޑުން އެކީގައި ސައި ބުއިން" ކަމަށެވެ.

އެގޮތުން 1932 އިން ފެށިގެން މަޖިލީހުގައި ސައިގެ ކަންތައް ހިނގަމުންދިޔަ ގޮތަށް ބަލާ އިރު މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް ޝިހާބު އެހެން މެންބަރުންނާ އެކުގައި މޭޒުކޮޅުގައި އިންނަވައިގެން ސައިފޮދު ހިއްޕަވާތަން މަޖިލީހުގެ ފޮޓޯތަކުން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.