ކޯޓުގައި ޔާމީނާއި އަދީބު ޒުވާބަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް ހެކިބަސް ނެގުމުގެ ތެރޭގައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ކޮށް، ޒުވާބަކަށް ވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވައިފި އެވެ.


ދެ ބޭފުޅުންގެ ބަހުގެ ރައްދުތައް އައީ، ޔާމީންގެ އެކައުންޓަށް ޖަމާކުރީ ޕީޕީއެމްގެ ކެމްޕެއިންނަށް ހޯދި ފައިސާ ނޫން ކަމާއި އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް އަދީބު ވިދާޅުވުމުންނެވެ. އެއަށް ރައްދު ދެއްވައި، އަދީބާ ސުވާލުކުރައްވަމުން ޔާމީން ގެންދެވީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރީ، ދައުވާގެ މައިގަނޑު ކަމަށްވާ ވޮޑަމުލާގެ އެކިއުޒިޝަންގެ ގޮތުގައި ލިބުނު ފައިސާތޯ ނުވަތަ ނޫންތޯ އެވެ.

ޔާމީންގެ ދިފާއު ބިނާކުރައްވަމުން ގެންދަވާ އެއް ބިންގަލަކީ އިސްލާމިކް ބޭންކްގައި އޮތް އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން އޭސީސީއަށް ވެސް އަދި އެހެން ތަހުގީގަކުން ވެސް ސީދާ ޔަގީންކޮށްދީފައި ނުވާތީ އެކަމަށެވެ. އެ އެއް މިލިއަަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ފީ ކަމަށް، ދައުވާގައި ވެ އެވެ.

ރައީސްކަމުގައި ހުންނެވި އިރު ޔާމީނާއި އަަނބިކަނބަލުން ފާތުމަތު އިބްރާހިމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެން މާ"ގައި އެއްޗެއް ގޮއްވާލުމާ އެކު، އޭރުގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަދީބު ހައްޔަރުކުރި ފަހުން، ދެ ބޭފުޅުން ސީދާ މި ބައްދަލުވީ ކޯޓުގަ އެވެ. ޔާމީންގެ ވެރިކަމުގައި އަދީބުގެ މައްޗަށް އެކި ތުހުމަތުތަކުގައި 30 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމްތަައް އައިސްފައިވެ އެވެ. އެކަމަކު ވެރިކަން ބަދަލުވުމާ އެކު، ކޯޓުތަކުން އެ ހުރިހާ ހުކުމެއް ވެސް ވަނީ ބާތިލްކޮށްފަ އެވެ.

ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަން ކޯޓަށް ވަޑައިގަތުމުން ދައުލަތުގެ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އެއްވެސް ކަމެއް ފޮރުވަން ބޭނުންނުވާ ކަމަށާއި ވާހަކަ ދައްކަވަނީ އެއްވެސް މީހަކާ ޒާތީ ވެގެން ވެސް ނޫން ކަމަށެވެ. އޭގެ ފަހުން ދެއްކެވި ވާހަކަތަކުގައި އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ކަންކަމުގައި އަމަލްކުރެއްވީ "ޔާމީން ވިދާޅުވި ގޮތަށެ"ވެ.

ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުންނަށް ވުރެ ގިނައިން ވާހަކަ ދައްކަވަނީ ޔާމީނެވެ. އަދީބާ ސުވާލު ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ޔާމީން ފުރަތަމަ ވެސް ކުރެއްވި އެއް ސުވާލަކީ އަދީބަށް ލިބިވަޑައިގެންނެވި އަނިޔާތަކާ މެދު އެއްވެސް ފަރާތަކާ މެދު ހިތް ބަރު ކަމެއް އޮތްތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އަނިޔާތައް ލިބުނީ ކޮންކޮން ފަރާތްތަކަކުން ކަން ސީދާ އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެކަމުގައި ޔާމީނާ މެދު ނުވަތަ އެހެން ފަރާތަކާ މެދު ވެސް ހިތްބަރުކަމެއް ނެތް ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ސީދާ ނޭނގޭ އަނިޔާ ދެއްވީ ކޮން ފަރާތްތަކެއް ކަމެއް ވެސް. އެހެން ނަމަވެސް އެ އަނިޔާ ދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޚުދު ރައީސް ޔާމީނަށް ވެސް އަޅުގަނޑު ވާނީ ހިތުގެ އަޑިން މާފުކޮށްފައި،" އަދީބު ވިދާޅުވި އެވެ.

ޔާމީން ދެން ތަކުރާރުކޮށް ސުވާލު ކުުރެއްވީ ކެމްޕޭން ފައިސާ ނޫނަސް އެމަނިކުފާނަށް ތާއީދުކުރާތީ ސަރުކާރު ދެމެހެއްޓުމުގެ ގޮތުން އެއްވެސް ފަރާތަކުން ފައިސާ ދެއްވިތޯ އެވެ. ކެމްޕޭނަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް އަދީބު ވިދާޅުވުމުން ޔާމީން ނުރުހުން ފާޅުކުރެއްވި އެވެ.

"ވަރަށް ތަކުރާރުކޮށް، ވަރަށް ތަކުރާރުކޮށް މިއަދުގެ މި ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ، ކެމްޕޭން ފައިސާއެއް ނުހުންނާނޭ. ކެމްޕޭން ފައިސާއެއް ނުހުންނާނޭ. ކެމްޕޭން ފައިސާ ނޫން ގޮތަށް ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އެއްވެސް ވަރަކަށް ފައިސާ ދީފައި ހުންނާނެތޯ؟" ޔާމީން ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ ކެމްޕޭން ފައިސާ ފިޔަވާ އަދީބު މެނޭޖްކުރެއްވި ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެ ހިސާބުން ޔާމީން ނުރުހުންވެވަޑައިގެން ވިދާޅުވީ އެގޮތަށް ވާހަކަ ނުދެއްކެވުމަށެވެ.

"ނޫން ނޫން. ތިޔަހެން ނުހައްދަވާ. ކޮންމެ ކަމެއް ރައީސް ޔާމީނަށް އެނގިލައްވާނެ ކަމަށް ވިދާޅުނުވޭ. އަޅުގަނޑު މި އަހާ ސުވާލުގެ ޖަވާބު ދެއްވީމާ ފުދޭނެ،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އަދީބުގެ ބާރު އޮވެގެން ހިންގަވާފައިވާ ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވެސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ކުންފުނިން ހިންގާ ކަމަކާ މެދު މިނިސްޓަރު ހިތްހަމަޖެހިވަޑައިނުގަންނަވާ ނަމަ ރައީސަށް އެކަން އެންގެވޭނެ ކަމަށް ވިދާޅުވި އެވެ.

ވޮޑަމުލާގެ އިކްއިޒިޝަން ފީއާ ބެހޭ ގޮތުން ޔާމީން ކުރެއްވި ސުވާލާ ގުޅިގެން އަދީބު އެއްސެވީ "އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފަށް ޖަމާކުރުމަށާއި އެހެން އިދާރާތަކުން ކްލިއަ ކުރުމުގެ އޯޑަރު ދެއްވަނީ ޔާމީން ނޫންތޯ؟" އެވެ.

"އެހެންވީމާ ތިޔަ ވިދާޅުވަނީ ރައީސް ޔާމީން އަންގަވައިގެން ގާނޫނާ ހިލާފަށް މިކަހަލަ ކަންތައްތައް ކުރައްވާފައި ހުރި ވާހަކަތޯ؟ [އެކަމަށް] އިއުތިރާފް ތިޔަ ވަނީތޯ؟" ޔާމީން ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް އަދީބު ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ ޖަވާބު ދެއްވީ ކުރުކޮށެވެ.

"އާދެ. އަޅުގަނޑު އެކަންޏެއް ނޫން އާދެ. ރައީސް ޔާމީނު ވެސް،" އަދީބު ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވުމުން ވާހަކަ މެދުކަނޑާލައްވަން ޔާމީން މަސައްކަތް ކުރެއްވި އެވެ.

ވަކި އިބާރާތެއް އަދީބު ލައްވައި ތަކުރާރުކުރައްވަން މަސައްކަތް ކުރައްވާ ގޮތަކަށް ޔާމީން ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން ގާޒީ އަހުމަދު ހައިލަމް އެކަން ހުއްޓުވި އެވެ. ވިދާޅުވީ އެ ސުވާލަށް އަދީބު ޖަވާބު ދެއްވައިފި ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ ޕީޕީއެމްގެ ކެމްޕޭން ފައިސާ ވެސް އޭނާ މެނޭޖްކުރެއްވި ކަމަށެވެ. އެ ވާހަކައާ ގުޅިގެން ވެސް ޔާމީނާއި އަދީބު ދެބަސްވެވަޑައިގެންނެވި އެވެ. ޔާމީން ވިދާޅުވީ ކެމްޕޭނަށް މީހުން ފައިސާ ދޭ އިރު އެ ކަމުގެ ތަފުސީލު އެނގިވަޑައިގަންނަވާނީ ފައިސާއާ ހަވާލުވާ މީހަކަށް (އަދީބަށް) ކަމަށެވެ. އެ ވާހަކަފުޅަށް އަދީބު ރައްދު ދެއްވީ ސުވާލަކުންނެވެ.

"އެހެންވީމާ މިލިޔަނުން މިލިޔަނުން އަޅުގަނޑަށް މީހުން ކެމްޕޭން ފައިސާ ދެއްވާ އިރު ރައީސް ޔާމީން ކައިރީގައި ވިދާޅު ވެސް ނުވެޔޭ މި އެބަ ދެއްވަމޭ، އެހެންތޯ ތިޔަ ވިދާޅުވަނީ؟" އަދީބު އެއްސެވި އެވެ.

"އެހެން ކަމަށް" ވިދާޅުވެ، ޔާމީން ޖަވާބު ދެއްވުމުން އަދީބު ވިދާޅުވީ އެއީ އިތުރުފުޅެއް ކަމަށެވެ. އަދި ޔާމީން ކެމްޕޭން ފައިސާއޭ ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ކަމަށް ހީވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް މެންދުރަށް މެދުކަނޑާލީ 2:30 ގައި ފަށާ ގޮތަށެވެ. މެންދުރު ފަހު އޮންނާނީ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.