މެމްބަރުންގެ ކޮއްތު ހަރަދު ކަނޑާލަން ތާއީދު: ރިޔާޒް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކޮއްތަށް ސަރުކާރުން ކުރާ ހަރަދު ކަނޑާލަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" ގެ ޚަބަރެއް ޓުވީޓުކުރައްވައި ރިޔާޒް ވިދާޅުވީ މަޖިލިހުގެ މެމްބަރުންގެ ކޮއްތަށް ސަރުކާރުން ހަރަދުކުރާ ގޮތަށް އޮތުން ނިމުމަކަށް ގެންނަން ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ.

ރިޔާޒް ކުރެއްވި ޓުވީޓު.

ރިޔާޒް ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން "މިހާރު" އަށް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މެމްބަރުންގެ ކޮއްތު ކަނޑާލަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ޖެހެނީ ހުރިހާ މުއައްސަސާތަކުން އެއް އުސޫލަކުން ކަންކަން ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މެމްބަރުންނަށް ކޮއްތުގެ ގޮތުގައި މިދާ ހަރަދު ބޮޑު ކަމަށް ގަބޫލުކުރަނީ. އަޅުގަނޑު ދެކޭ ގޮތުގައި ޒަމާނަށް ބަދަލު އަންނަ ފަދައިން އެކަމަށް ވެސް ބަދަލު އަންނަންވެއްޖެ،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލިހުގެ މެމްބަރެއްގެ ކޮއްތަށް ދުވާލަކަށް 159ރ. ހަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެއިން ކުޑަ މިންވަރެއް މުވައްޒަފުންނަށް ވެސް ހޭދަވާނެތީ ކޮއްތުގެ ގޮތުގައި ސީދާ މެމްބަރުންނަށް ކުރާ ހަރަދު އެއަށް ވުރެ ކުޑަވާނެ ކަމަށް ވިދާޅުވި އެވެ. މިގޮތަށް ހަރަދު ކުރުމަކީ މެމްބަރުން ބޭނުން ނުވާ ކަމެއް ނަމަ، އެކަން ބަދަލު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި އަދަދަށް ބަލާ ނަމަ، މަޖިލިހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކަށް ކެއުމުގެ ހަރަދަށް މަޖިލިހުން ގާތްގަނޑަކަށް 14،000ރ. ހޭދަކުރެ އެވެ. އާންމުކޮށް ހަފުތާއަކު ތިން ޖަލްސާ ބާއްވާ އިރު އެއީ ހަފުތާއަކަށް 41،000ރ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދު ދިރާސާކުރި ވަގުތީ ކޮމިޓީ އަށް އާންމުންގެ ފަރާތުން ފޮނުވި ހިޔާލުތަކުގެ ތެރޭގައި މަޖިލިހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ ކޮއްތު ކަނޑާލަން ހުށަހެޅި އެވެ. ކަމަކު މަޖިލިހުގެ ގަވައިދު ކޮމިޓީން އިސްލާހު ކުރި އިރު، އެ ބަދަލު ގެނެސްފައެއް ނުވެ އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އާންމު ކޮމިޓީންނެވެ.

މަޖިލިހުގެ މެމްބަރުންނަށް ކޮއްތު ދިނުމަށް މިހާރު ހަވާލުކޮށްފައި އޮންނަނީ ބްރަދަސް ކޭޓަރިންއާ އެވެ.