ކަޝްމީރު މައްސަލައިގައި ސުލްހަވެރި ހައްލެއް މުހިއްމު: މިނިސްޓަރު

ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ސުލްހަވެރި ހައްލެއް ހޯދުން މުހިއްމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ފޮރިން މިނިސްޓްރީން މިރޭ ބުނިގޮތުގައި މިނިސްޓަރު މިގޮތަށް ވިދާޅުވީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މަހްދޫމް ޝާހް މަހްމޫދު ގުރޭޝީ މިނިސްޓަރު ޝާހިދަށް ފޯނުން ގުޅުއްވައި ދެ ބޭފުޅުން ދެއްކެވި ވާހަކައިގަ އެވެ. ކަޝްމީރު މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތާއި އިންޑިއާ އިން އެ ގައުމުގެ ގާނޫނުގެ އަސާސީގެ 370 ވަނަ މާއްދާ އުވާލުމާ މެދު ޕާކިސްތާނުން ދެކޭ ގޮތުގެ މައުލޫމާތު ވެސް އެ ގައުމުގެ ފޮރިން މިނިސްޓަރު، ޝާހިދާ ހިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ދިވެހިރާއްޖެއާ ވަރަށް ރަހުމަތްތެރި ދެ ގައުމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށް ދިވެހިރާއްޖެ އިން ދެކޭ ކަމަށް މިއަދު ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށެވެ.

"މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އިން އަބަދުވެސް ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީން ކަން އެ ގައުމުގެ ޚާރިޖީ ވަޒީރަށް އެރުވި އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިކަންމަތީ އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ،" މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ ކަޝްމީރުގެ ބާރުތައް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ. އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް މިހާރު ކަނޑައަޅާފައި ވަނީ ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަަ އެވެ. މިހެން ހެދުމުން ކަޝްމީރުގެ ލަދަޚް ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔުނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

މި ބަދަލާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވަނީ މިނިވަން ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ހައްގު އޮންނާނެ ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ.