ރައީސްގެ ގޮވާލެއްވުން: އެމެޒަން ޖަންގަލި ސަލާމަތްކޮށްދީ!

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމެޒަންގައި ރޯކޮށް އަންދަމުން ދާތީ އެކަން ހުއްޓުވައިދިނުމަށް ދުނިޔެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ގޮވާލައްވައިފި އެވެ.


ދުނިޔޭގެ "ފުއްޕާމޭ"ގެ ގޮތުގައި ސިފަކުރެވޭ އެމެޒަންގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ. ބްރެޒިލްގެ ސަރުކާރުން ބުނާ ގޮތުގައި އެއީ ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން، ބްރެޒިލް ސަރުކާރު ގޯސްކުރަންވެގެން ރޯކުރި ރޯކުރުމެއް ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ހެއްކެއް ބްރިޒިލްއަކަށް ނުދެއްކެ އެވެ.

ދުނިޔޭގެ އޮކްސިޖަންގެ 20 ޕަސެންޓް އުފެދިގެން އަންނަނީ އެމެޒަން ޖަންގަލީގެ ތެރެއިންނެވެ. އަދި ދުނިޔެ ހޫނުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވާ ކާބަން ޑިއޮކްސައިޑް ޖައްވަށް ބޭރުވިޔަ ނުދީ ހިފަހައްޓައިދޭ ގުދުރަތީ އެންމެ ބޮޑު ދަލަކީ ވެސް އެ ޖަންގައްޔެވެ.

މިހާރު އެ ޖަންގަލީގެ އެކި ހިސާބުތަކުގައި ރޯވެފައިވާ އަލިފާނާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ "ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ.

"ތިމާވެށީގެ ގެއްލުންތަކުން އެންމެ ބޮޑު އަސަރެއްކުރާނެ ގައުމަކަށް ރާއްޖެ ވީ ހިނދު، އަޅުގަނޑުމެން ހުރިހާ ދިވެހިން ދުނިޔެއަށް މި ގޮވާލަނީ، އެމެޒަންގެ ހިމާޔަތުގައި އިތުރަށް މަސައްކަތްކޮށްދިނުމަށެވެ،" ރައީސްގެ ޓްވީޓްގައި ލިއުއްވި އެވެ.

އެ ޓްވީޓަށް މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ލައިކޮށްފައިވެ އެވެ. އަދި 400 އަށް ވުރެ ގިނަ ފަހަރު ރިޓްވީޓްކުރި އެވެ.

ދުނިޔޭގެ ޕްރެޝަރު، ހާއްސަކޮށް ޔޫރަޕްގެ ބައެއް ގައުމުތަކުގެ ބާރުއެޅުމާ އެކު، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އެންމެ ފަހުން މިހާރު ވަނީ އަލިފާން ނިންވަން ސިފައިން ފޮނުއްވުމުގެ އަމުރެއް ނެރުއްވައިފަ އެވެ.

އެމެޒަން ޖަންގަލީގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ. އެގޮތުން ބްރެޒިލްގެ އެމްބަސީތައް ދޮށަށް އެއްވެ، އެމެޒަންގެ ހިމާޔަތުގައި ބްރެޒިލް ސަރުކާރުން މަސައްކަތްކުރަން ގޮވާލަމުން އެބަ ގެންދެ އެވެ.

"ސިފައިންގެ ތެރޭގައި އުޅުނު މީހަކަށް ވާތީ އަޅުގަނޑަށް ވަނީ އެމެޒަން ދެކެ ލޯބިވާން ދަސްވެފައި. އެ ތަން ހިމާޔަތްކުރަން އެހީވާން އަޅުގަނޑު ބޭނުން،" ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ބޮލްސޮނާރޯ ވިދާޅުވި އެވެ.

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ބްރެޒިލްގެ ޖަންގަލިތަކުގައި މި އަހަރު ހިނގާ އަލިފާނުގެ ހާދިސާތައް ވަނީ ކުރީ އަހަރުތަކަށް ވުރެ 85 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ އެނދުންތައް ނިސްބަތްވަނީ އެމެޒަން ޖަންގަލީގެ ސަރަހައްދުތަކަށެވެ.

ބްރެޒިލްގެ ސަރުކާރުން ބުނާ ގޮތުގައި އެއީ ދަނޑުވެރިން ދަނޑުތައް ސާފުކުރަން އަންދާ އެންދުންތަކެކެވެ. ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި އެއީ އާންމުކޮށް ދަނޑުވެރިން ރޯކުރާ ރޯކުރުމަށް ވުރެ މާ ގިނަ މިންވަރެކެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ގަބޫލުކުރަނީ އެއީ ގަވާއިދާ ހިލާފަށް ގަސްކޮށާ މީހުންގެ އަމަލެއް ކަމަށެވެ.