ޚިޔާލުތަފާތުވެފައިވާ މައްސަލައެއްގައި ގޯސް ރައުޔެއް ނެގިޔަސް ފާފަވެރިއެއް ނުވާނެ: އަދާލަތު

ފަނޑިޔާރު ކަމަށާއި ގާޒީ ކަމަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމީ އުއްމަތުގެ ދަންނަ ބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެ، ޚިލާފު އުފެދިފައިވާ މައްސަލައެއް ކަމަށާއި އެކަމަކު، އެކަމުގައި ގޯސް ރައުޔެއް އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.


ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދި ގިނަ ދީނީ އިލްމުވެރިންތަކެއް ތިއްބަވާ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބަޔާނެއް މި ނެރުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ އަންހެން ބޭފުޅުންގެ ނަން ފޮނުއްވުމާ އެކު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަން ފޮނުއްވުމާ އެކު، އެއީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ވިދާޅުވެ ގިނަ ދިވެހި އިލްމުވެރިން ވާހަކަ ދައްކަވާއިރު، އެކަމާ ދެކޮޅަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބަޔާން ނެރެފަ އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ މި މައްސަލަ ދިރާސާކޮށް، ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން މިކަމުގައި އާއްމުކޮށްފައިވާ ރަސްމީ އަދި އިލްމީ ފަތުވާތަކަށް ބަލާއިރު، އިލްމުވެރިންގެ ތިން ގައުލެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން ފަނޑިޔާރު ކަމަށް އަންހެނަކު އައްޔަން ކުރުމަކީ މުތުލަގުކޮށް ހުއްދަ ކަމެއް ނޫން ކަމަށް، އިސްލާމީ އުއްމަދުގެ ގިނަ ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށް އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެއީ މާލިކީ މަޒުހަބާއި ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ ރައުޔު ކަމަށް ވެސް އަދާލަތުން ބުންޏެވެ.

ހައްދާއި ގިސާސްގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާއިރު، އެއްވެސް ގައިދެއް އިސްތިސްނާއެއް ނެތި، ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށް ވާރިދުވެފައިވަނީ ކުރީގެ އިލްމުވެރިންގެ ތެރެއިން ވަރަށް މަދު އިލްމުވެރިންތަކެއް ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުންޏެވެ.

މި ރައުޔުތަކަށް ބަލައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރާޖިހުކުރަނީ ފަނޑިޔާރު ކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއް ކަމަށް ބުނާ ރައުޔުކަން އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދާލަތުން ބުނީ އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ މައްސަލަތަކުގައި އާއްމުންނާއި އިލްމުވެރިން އަމަލު ކުރަން ޖެހޭ ގޮތް އުއްމަތުގެ މުޖުތަހިދު އިލްމުވެރިންނާއި އިމާމުންގެ ކިބައިން ފެނިފައިވާ ކަމަށެވެ. އަދި އިލްމުވެރިންގެ ތެރެއިން މުޖުތަހިދު ބޮޑެތި އިމާމުންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މި ފަދަ މައްސަލަތަކުގައި، އެ މީހަކަށް ބުރަވެވޭ ރައުޔަކީ އެ މައްސަލައިގައި އޮތް ހަމައެކަނި ރައުޔު ކަމަށް ދެކި، އެހެން ރައުޔަކަށް ތާއީދު ކުރާ މީހަކީ ދީނީގޮތުން މަގުފުރެދިފައިވާ މީހެއް ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އޭނާއަކީ އިސްލާމީ ޝަރީއަތަށް ގޮން ޖަހައި، ކާފަރުވެފައިވާ މީހެއް ކަމަށް ނުބުނެވޭނެ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އެ ޕާޓީން ދެކޭގޮތުގައި މި ފަދަ ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި އަނެކާގެ ރައުޔަށް އިހްތިރާމު ކުރަން ޖެހެ އެވެ. އަދި ޚިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރު ކުރާ މީހާ، އޭނާ އިހްތިޔާރު ކުރެވުނީ އެކަމުގައި ގޯސް ރައުޔެއް ނަމަވެސް ފާފަވެރިއެއް ނުވާނެ ކަމަށް ބުންޏެވެ.

"އެހެންވެ، މި ފަދަ މައްސަލަތަކުގައި މީހުންގެ މެދުގައި ނަފްރަތު އުފެދި، މުޖުތަމައު ބައިބައިވެ، ޝަރުއީ ގޮތުން މައްސަލައިގެ ކަންކަން އޮތްގޮތް އޮޅޭގޮތަށް ވާހަކަދެއްކުމުން ދުރުވާން ޖެހެ އެވެ." އަދާލަތުގެ ބަޔާނުގައި ބުންޏެވެ. "ހާއްސަކޮށް، މީހުން އެ މީހެއްގެ ބަސްތަކަށް އިހްތިރާމް ކުރާ މީހުން މިކަމުން ދުރުހެލިވާން ޖެހެ އެވެ."