ބޮޑު އަގު ނަގައިގެން ޓެކްސީ ކުރާނަމަ ހުއްދަ ބާތިލް ކުރަނީ

ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި، ޓެކްސީކޮށްގެން ވަކި އަދަދަކަށް ވުރެ ގިނައިން ޖޫރިމަނާ ކޮށްފައިވާ ނަމަ ހުއްދަ ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.


އެތަނުން ކުރި އިއުލާނެއްގައި ބުނިގޮތުގައި ބޮޑު އަގުގައި ޓެކްސީ ކުރާ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ. އެހެންވެ، ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ނަގައިގެން އަހަރަކު ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާކޮށްފައިވާ ނަމަ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލް ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނެގި ހަ ޓެކްސީއެއް، އަގު ކަނޑައެޅި ފުރަތަމަ ހަފުތާ ތެރޭގައި ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ޖެހިގެން އައި ހަފުތާގައި 15 ޓެކްސީއެއް ޖޫރިމަނާ ކުރި އިރު މިދިޔަ ހަފުތާގައި ވެސް އެ އަދަދު މަދުވެފައެއް ނުވެ އެވެ.

ޓެކްސީ ކުރުމުގެ އާ އުސޫލު ބުނާ ގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދުގެ ދަތުރަކަށް އެންމެ ބޮޑުކޮށް ނެގޭނީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް ނެގޭނީ 60ރ. އެވެ. މީގެ އިތުރުން ޑިކީއަށް މުދާ ލައިގެން އިތުރަށް ފައިސާ ނުނެގޭ ގޮތަށް ވެސް ބަދަލު ގެނެސްފައިވެ އެވެ.