ބޮޑެތި އިސްލާހުތަކާ އެކު މަޖިލިހުގެ ގަވައިދު ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


މަޖިލިހުގެ ގަވައިދު ދިރާސާކުރި ކޮމިޓީން ފޮނުވި ރިޕޯޓު މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ. ތިން މަހެއްހާ ދުވަހު ދިރާސާ ކުރި މަޖިލިހުގެ ގަވައިދު ތަޅުމަށް ފޮނުވި އިރު، އެކި މެމްބަރުންގެ ފަރާތުން 52 އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު، އެ އިސްލާހުތަކުގެ ތެރެއިން މަޖިލިހުން ފާސްކުރީ ބައެއް އިސްލާހުތަކެވެ.

ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލިހުގައި ވިދާޅުވީ އެޖެންޑާ 19 ގައި ބުނަމުން ދިޔަ، ނަޒާހަތްތެރި މަޖިލިހެއް ބިނާކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ގަވައިދަށް ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން މައިގަނޑު ދެ ކަމެއް ގަވައިދުގައި ހިމެނިކަން އާޒިމް ފާހަގަކުރެއްވި އެވެ.

ނަޒާހަތްތެރި މަޖިލިހަށް ބިނާ ކުރާ އިރު، މަޖިލިހުގެ މެމްބަރުންގެ އެކަނި މާލީ ބަޔާން ހުށަހެޅުމުގެ ބަދަލުގައި މެމްބަރުންގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ކޮރަޕްޝަންގެ އަމަލުތައް ނެތިގެން ދާނީ ނަޒާހަތްތެރި މަޖިލިހެއް ބިނާ ކުރެވިގެންނެވެ.

މީގެއިތުރުން މިނިވަން، މުސްތަގިއްލު މުއައްސަސާތަކަށާއި ބޯޑަށް މެމްބަރުން އައްޔަން ކުރުމުގައި މާކްސް ނުދޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ އިސްލާހު ގެންނަން ނިންމެވީ 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހުގައި މުއައްސަސާތަކަށާއި ބޯޑުތަކަށް ނެގި މެމްބަރުން ފެއިލްވެގެން ދިޔަ ގޮތަށް 19 ވަނަ މަޖިލިހުގައި ފެއިލްވާން ބޭނުން ނުވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމިޓީތަކުން މާކްސް ދިނުން ހުއްޓުމަކަށް!

ކޮމިޓީން ގަވައިދު ދިރާސާކޮށް ނިންމި އިރު، ގަވައިދުގައި ވަނީ އެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ކޮމިޓީން ތަބާވާނެ މައިގަނޑު އުސޫލުތައް އެ ކޮމިޓީއަކުން ކަނޑައަޅަން ވާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން ކޮމިޓީ އަށް ހުށަހަޅާފައިވާ މީހުންނަށް ކޮމިޓީގައި ހިމެނޭ ހުރިހާ މެމްބަރުން ވެސް މާކްސް ދޭނީ އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއް ހަމައަކުން ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. އެކަމަކު، މަޖިލިހުގެ ތަޅުމަށް ހުށަހެޅި އިސްލާހަކާ ގުޅިގެން އެ ބައި ވަނީ ގަވައިދުން އުނިކުރަން ފާސްކޮށްފަ އެވެ.

އެ އިސްލާހުގެ ބަދަލުގައި ގަވައިދަށް އަލަށް އިތުރު ކުރި ބައިގައި ބުނެފައި ވަނީ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމާއި ރުހުން ދިނުމުގައި އަމަލު ކުރާ އިރު، އެމީހުންގެ ޝަރުތު ފުރިހަމަވޭތޯ މަޖިލިހުގެ މުވައްޒަފުންގެ ޕެނަލަކުން ބަލަން ވާނެ ކަމަށެވެ. އެއަށް ފަހު، މަގާމަށް ޝަރުތު ހަމަވާ މީހުންގެ ކޮމިޓީގެ މެމްބަރުންނަށް ހުށަހަޅަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ޝަރުތު ހަމަނުވާ ބައެއް އުޅޭ ނަމަ، އެމީހުންގެ ޝަރުތު ހަމަނުވާ ސަބަބުން އަންގަން ވާނެ ކަމަށް އޭގައިވެ އެވެ.

ޝަރުތު ހަމަވާ މީހުން އިންޓަވިއު ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ. އަދި ކޮމިޓީ އަށް ހުށަހަޅާ ނަމެއް ކަނޑައަޅާނީ ކޮމިޓީ މެމްބަރުންގެ މެދުގައި ނަގާ ވޯޓެއްގައި ކަމަށް އިސްލާހުގައިވެ އެވެ. އެކަމަކު، މަޖިލިހުގެ ތަޅުމަށް ފޮނުވޭނީ ކޮމިޓީގެ ތިންބައިކުޅަ ދެ މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

ސަލާމުގައި ތިއްބަވާ މެމްބަރުން އިއުލާން ކުރަނީ!

އިސްލާހުތަކުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ގަރާރުތަކާއި ކުއްލި މައްސަލަތަކުގައި ކުއްލި މައްސަލަތަކުގައި ގާނޫނު އަސާސީއާއި ހިލާފު އެއްވެސް ކަމެއް ވާތޯ ބެލުމަށް ފަހު މަޖިލިހުގެ ކައުންސިލާ ޖެނެރަލްގެ ގާނޫނީ ލަފާ މެންބަރުންނަށް ފެންނާނެ ގޮތަށް ދިނުން ހިމެނެ އެވެ.

މަޖިލިހުގެ ކޮންމެ ޖަލްސާއެއް ފެށުމުގެ ކުރިން ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ އަދަދާއި، ސަލާމުގައި ތިއްބެވި މެންބަރުންގެ އަދަދާއި، ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންގެ އަދަދު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރަން ވާނެ ކަމަށް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. މަޖިލިހުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަދަދު އިއުލާން ކުރަނީ ޖަލްސާ ފެށީމަ އެވެ.

މަޖިލީހުގެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް އެ ދާއިރާއެއްގައި އެ މެންބަރަކު އޮފީހެއް ގާއިމު ކުރާނަމަ މަޖިލީހުގެ އިދާރާގައި އެ އޮފީސް ރަޖިސްޓްރީ ކުރަން ވާނެ ކަމަށް ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާހެއްގައި ވަނީ މަޖިލިހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގައި ނުވަތަ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައަކާ މެދުގައި މަޖިލިހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް މަޖިލިހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދުގައި މަޖިލިހުގެ ރައީސް ހިޔާލު ފާޅުކޮށް އެކަމާ މެދު ދެކޭ ގޮތް ހާމަކޮށް، މަޝްވަރާ އާއި ލަފާ ދެވިދާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ކޮމިޓީއަކުން އެދިއްޖެ ނަމަ، ނުރަސްމީ ބައްދަލުވުމެއްގައި ނުވަތަ ކޮމިޓީން އިންތިޒާމު ކުރާ އިވެންޓެއްގައި މަޖިލިހުގެ ރައީސް ބައިވެރިވުން މި މާއްދާ ހުރަސް ނާޅާ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މަޖިލިހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން ހިނގަމުންދާ ބަހުސެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ހިނގާ ކަމެއްގައި މަޖިލިހުގެ ރައީސް ހިޔާލެއް ފާޅުކޮށް، އެމަނިކުފާނު ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ އެވެ.

ގަވައިދަށް ގެނައި އެހެން ބޮޑު އިސްލާހެއްގައި ވަނީ މަޖިލިހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިވާނެ ކަމަށެވެ. އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ. މިއީ ބޮޑު ބަދަލެކެވެ.

ގަވައިދަށް ދެން ގެނައި އެންމެ މުހިންމު ބަދަލަކީ ކޮމިޓީ އެލަވަންސް ދޭ ގޮތެވެ. ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، 20،000ރ. ގެ އެލަވަންސް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓު ބައްދަލުވުންތަކަށް މެމްބަރަކު ވަޑައިގެންފި ނަމަ، ލިބިވަޑައިގަންނަވާނީ އެލަވަންސްގެ 50 ޕަސަންޓެވެ. އެއީ 10،000ރ. އެވެ. އެހެންކަމުން 20،000ރ. ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަތީމަ އެވެ.