ނިހާން ޕީއެންސީން ވަކިވެއްޖެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަހްމަދު ނިހާން އެ ޕާޓީން މިއަދު ވަކިވެއްޖެ އެވެ.


ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން މިދިޔަ ދެ ދައުރުގައި ކުރެއްވި ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ނިހާން ކުރެއްވި ޓްވީޓް---

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ނިހާން އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ އޭޕްރީލް މަހު އެވެ. އެއަށް ފަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީއާ ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބު ވެވަޑައިގެންނެވި އެވެ.

މިދިޔަ ދެ ދައުރުގައި ވިލިމާލެ ދާއިރާގެ މެމްބަރުކަން ކުރެއްވި ނިހާން، މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވީ އުފަން ރަށް ގދ. ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައިގެންނެވެ.